01 Nov 2015, 10:26
ބުރާސްފަތި ދުވަހު ވެސްޓް ބޭންކްގެ އައިދާ ރެފިއުޖީ ކޭމްޕުގައި ރިކޯޑު ކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ އިސްރާއިލް ފުލުހަކު އަޑުގަދަކުރާ އަކުން ފަލަސްތީނުގެ މީހުންނަށް "ގޭސް ޖަހާ" މަރާލާނެ ކަމުގެ އިންޒާރު ދޭތަނެވެ.
އެ އިންޒާރު ދީފައި ވަނީ ފަލަސްތީނު ރައްޔިތުން އިސްރާއިލްގެ ބޯޑަރުގައި ތިބޭ ސިފައިންނާ ދިމާލަށް ގާ އުކުމުން ކަމަށްވެ އެވެ.
ނަން ނޭގޭ ފުލުހަކު އަޑުގަދަކުރާ އަކުން ދިން އިންޒާރުގައި ބުނެފައި ވަނީ ގާއުކުން ހުއްޓާނުލައިފި ނަމަ ކޭމްޕުގެ ތެރެއަށް ގޭސް ޖަހައި ކޭމްޕުގައި ދިރިއުޅޭ މީހުން މަރާލާނެ ކަމަށެވެ.
"އެންމެން ގެޔަށް ނުގޮސްފިއްޔާ ހުރިހާ ކުޑަކުދިންނާއީ އާއިލާ ތައް މަރާލާނަން،" ސިފައިންގެ މީހާ ބުންޏެވެ.
މީގެ އިތުރުން ފަލަސްތީނުގެ މީހަކު އިސްރާއީލްގެ ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށާއި ގާ އުކުން ހުއްޓާ ނުލައިފި ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު ސިފައިންގެ މީހާ ދިނެވެ. ހައްޔަރު ކޮށްފައި ހުރި މީހާ ވަނީ ބުރާސްފަތި ދުވަހުގެ ފަހުން ދޫކޮށްލާފަ އެވެ.
ޓައިމްސް އޮފް އިސްރާއިލް އިން ރިޕޯޓު ކުރި ގޮތުގައި އެ ބޮޑާ ސިފައިންގެ މިހާރު ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
ކޭމްޕުގައި ދިރު އުޅޭ ރައްޔިތަކު ކަމުގައިވާ މުހައްމަދު އަލް އައްޒާ ބުނެފައިވާ ގޮތުގައި އެ އިންޒާރު ދީފައި ވަނީ އިސްރާއިލް ސިފައިން ކޭމްޕަށް ވަދެ ކަރުނަ ގޭސް ޖެހުމަށް ފަހުގަ އެވެ. އަދި ކޭމްޕުގައި ދިރިއުޅޭ މީހުން މިހާރު ތިބީ ބިރުން ކަމަށެވެ.
"މިދިޔަ އަހަރު ކަރުނަ ގޭހުގެ ސަބަބުން އަންހެނަކު މަރުވި. އަހަރުމެންނަށް ގަބޫލުކުރެވޭ އިސްރާއީލް ސިފައިން އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް،" އައްޒާ އަލް ޖަޒީރާ އާ ވާހަކަ ދައްކަމުން ބުންޏެވެ.
މި ވީޑިއޯއާ ބެހޭ ގޮތުން އިސްރާއިލްގެ ބޯޑަރުގައި ތިބޭ ސިފައިންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އައިދާ ކޭމްޕުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު މީގެ ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކެއްގައި 70 ފަލަސްތީނު ރައްޔިތުންނާއި ނުވަ އިސްރާއިލް ފުލުހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 13 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
މައުލޫމާތު: އަލްޖަޒީރާ