އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މި މަހު ބާރައަށް ފަސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

'ސަން' އާއި ވާހަކަދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓް ހުށަހަޅުން ލަސްވީ ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލައި "ދިމާވި ކާރިސާ އާއި ގުޅިގެން" ކަމަށެވެ.

"ދިމާވި ކާރިސާއާ ގުޅިގެން ބައެއް ކަހަލަ ހިސާބުތައް ކްލިއާ ކުރުމުގައި ސްޓެޕްތަކެއް ދިމާވީ،" މިނިސްޓަރު ޖިހާދު ވިދާޅުވިއެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ ބެޖެޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގައި ސިޓީއަކުން އެދިލައްވާފައިވާ ވާނެ ކަމަށެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ބަޖެޓް ރައްޔިުތންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި މިނިސްޓަރު ޖިހާދު ވެސް ކުރިން ވިދާޅުވެފައި ވަނީ މިދިޔަ މަސް ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަަމަށް ލަފާކޮށްފައި އޮތީ 21.5 ބިލިއަން ރުފިޔާ އެވެ.

ރިކަރެންޓް ޚަރަދަށް 15.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަަމަށް ލަފާކޮށްފައި ވެއެވެ.

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ހަތް މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.