31 Mar 2011, 23:40
ސަދަން ޔުޓިލިޓީސްއާ ސަރުކާރުން ހަވާލުކޮށްފައިވާ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވާ ކަމަށާއި އައްޑޫގައި މިއަހަރުތެރޭ ސާކު ސަމިޓު ބޭއްވުމުގެ ކުރިން އެ މަސައްކަތް ނިމޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވެއްޖެ އެވެ.
މޭޔާ މިހެން ވިދާޅުވީ، އައްޑޫގައި މިއަހަރު ބާއްވާ ސާކް ސަމިޓަށް އަޅައި ކޮންވެންޝަން ސެންޓަރާއެކު ނިންމުމަށް ސަދަން ޔުޓިލިޓީސްއާ ހަވާލުކޮށްފައިވާ މަގުހެދުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނުފެށި، ދިގު ދެމިގެންދާ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލާއި ސަދަން ޔޫޓިލިޓީސްއާ ދެމެދު ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ.
އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވަނީ، ޒަމާނީ ފެންވަރަށް އައްޑޫގައި 17 ކިލޯ މީޓަރު އަދި ފުވައްމުލަކުގައި 10 ކިލޯ މީޓަރުގެ މަގު ހެދުމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސާކު ސަމިޓު އައްޑޫގައި ބާއްވާތީ، އޭގެ ކުރިން ހިތަދޫ ބޮޑު މަގުން ފެށިގެން ދެކުނު ޕްރޮވިންސް އޮފީސް ހުންނަ މެދައަރި މަގުގައި )ޖުމްލަ 4.5 ކިލޯމީޓަރު(ގެ ރެސިޑެންޝަލް މަގެއް ހެދުމަށް ސަރުކާރުން ޔުޓިލިޓީސްއަށް ވަނީ އަންގައިފަ އެވެ. އެ މަސައްކަތަށް ޖުމްލަ 13 މިލިއަން ޑޮލަރު ހަރުދުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އައްޑޫ ސިޓީގެ މޭޔާ ވިދާޅުވަނީ، އަދި މިހާތަނަށް އައިއިރުވެސް އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށާއި ސާކު ސަމިޓުގެ ކުރިން އެ މަސައްކަތް ނުނިންމޭނެ ކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާ ކަމަށެވެ.
"މިހާރު މިއޮތީ ވަގުތު ވަރަށް ކައިރިވެފައި ސަމިޓަށް. އެހެންނަމަވެސް، މިހާތަނަށް އައިއިރު ޑީޓެއިލް ޑިޒައިނެއް ވެސް ނެތް. ސާވޭ ހެދިފައެއް ނެތް. ދެން އެހެންގޮސް މިހާ ހިސާބަށް މިފެންނަނީ އެކަން ނުވާނެކަމުގެ ނިޝާންތައް،" އައްޑޫގެ މޭޔާ ވިދާޅުވި އެވެ. އަދި ވިދާޅުވި އެވެ؛ "އެކަން ޔޫޓިލިޓީއަށް ނުވާކަމަށްވަންޏާ ވާނެ ބަޔަކުވެސް ހޯދަން އެބަޖެހޭ ނޫންތޯ؟" މެޔާ ސުވާލު ކުރެއްވެވި އެވެ.
އޭނާ ވިދާޅުވީ، މަގު ޑިޒައިންކޮށް، އެންވާރަމެންޓް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ)ގެ މަސައްކަތް ސަދަން ޔުޓިލިޓީސްއިން ހަވާލުކޮށްފައިވަނީ އައްޑޫއާއި ފުވައްމުލަކުގައި ނަރުދަމާއާއި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ބައިވޯޓާ ސޮލިއުޝަންސް އިންޓަނޭޝަނަލްއާ ޔުޓިލިޓީސްއާ ދެމެދު އުފައްދައިފައިވާ ބައިވޯޓާ ސޮލިއުޝަންސް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އީއައިއޭގެ މަސައްކަތް ވެސް ނިންމައިފައިނުވާ ކަމަށް މޭޔާ ވިދާޅުވި އެވެ. އަދި. އަދި މަގުގެ ޑިޒައިންތައް ހަދައިފައިވާ ކަމަށް ސަދަން ޔުޓިލިޓީސްގެ އޮފިޝަލުން ވިދާޅުވެފައިވާއިރު، އެ ޑިޒައިންތައް ވެސް ސިޓީ ކައުންސިލަށް ފެނިފައިނުވާ ކަން އޭނާ ފާގަކުރެއްވި އެވެ.
އަދި ސޯބެ ވިދާޅުވި ގޮތުގައި، ސަދަން ޔުޓިލިޓީސްއާ ބައިވޯޓާ ސޮލިއުޝަން މޯލްޑިވްސްގެ މަސައްކަތް ކުރިއަށްދަނީ "ދެފުށްފެންނަ" ގޮތަކަށް ނޫން ކަމަށް ސިޓީ ކައުންސިލަށް ގަބޫލުކުރެ އެވެ. އެގޮތުން މިހާތަނަށް އައިއިރު އެކުންފުނީގެ ބޯޑުގައި ތިއްބެވީ ކޮން މެމްބަރުންނެއް ކަމެއްވެސް ސަދަން ޔުޓިލިޓީގެ ބޭފުޅުންނަށްވެސް ނޭގޭކަން އެބޭފުޅުންގެ ވާހަކައިން އެނގޭ ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި މަސައްކަތުގެ ލިޔެކިޔުންތައް ސަދަން ޔުޓިލިޓީސް އިން ރަނގަޅަށް ބަލަހައްޓައިފަ ނެތުމުން އެކަމާ ބެހޭ ލިޔުންތައް ވެސް މިހާރު ނެތް ކަމުގައި ވިދާޅުވި އެވެ.
ސޯބެ ވިދާޅުވާ ގޮތުގައި، އިނގިރޭސިވިލާތުގެ ބައިވޯޓާ ސޮލިއުޝަން ގްރޫޕާ ހަވާލުކޮށްފައިވާ އައްޑޫއާއި ފުވައްމުލަކުގެ ނަރުދަމާއާއި ފެނުގެ މަސައްކަތްވެސް ކުރިއަކަށް ނުދެ އެވެ. ނަރުދަމާއާއި ފެނުގެ މަސައްކަތަށް ޖުމްލަ 42 މިލިއަން ޑޮލަރު ހަރަދުކުރާއިރު، އޭގެ ތެރެއިން 15 މިލިއަން ޑޮލަރު ސަރުކާރުން ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަނެއް 27 މިލިއަން ޑޮލަރު ޚަރަދުކުރަން ހަމަޖެހިފައިވަނީ ބައިވޯޓާ ގްރޫޕުންނެވެ.
ސޯބެ ވިދާޅުވީ، ސަރުކާރުން ދޭން ޖެހޭ 15 މިލިއަން ޑޮލަރު ހަމަޖައްސައިފައިވާއިރު، ދެއަތޮޅުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނުނިމި ދިގުދެމިގެންދަނީ ބައިވޯޓާއިން ހަމަޖައްސަންޖެހޭ ފައިސާ ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، ކައުންސިލުން އެންމެ ބޮޑަށް ކަންބޮޑުވަނީ ސާކު ސަމިޓުގެ ކުރިން މަގުހެދުމުގެ މަސައްކަތް ނުނިމިދާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް، މިކަމާ ގުޅޭ ގޮތުން ސަދަން ޔުޓިލިޓީސްގެ އިސްބޭފުޅެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ގައުމީ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ސަދަން ޔުޓިލިޓީސްއިން ބުނެފައިވަނީ މަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތްފެށުމުގެ ކުރިން ހަދަންޖެހޭ އީއައިއޭގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެ ބައްދަލުވުމުގައި ބައިވޯޓާ ސޮލިއުޝަނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.
ސޯބެ ވިދާޅުވަނީ، މި މައްސަލަ މިހާރު ރައީސް މުހައްމަދު ނަޝީދާއި ހައުންސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ މަސައްކަތްކުރިއަށްނުދާ ނަމަ، އެހެން ފަރާތަކާ ހަވާލުކޮށްގެންވެސް މަސައްކަތް ނިންމާނެ ކަމުގެ އިޝާރާތެއް ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.