03 Nov 2015, 10:03
ހަށިގަނޑު ލުއިކޮށް، ރަނގަޅު ސިއްހަތެއްގައި "ފިޓުކޮށް" ބެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް މަގުސަދެކެވެ. އެކަމަކަށް އިންތިހާއަށް ބޭނުންވެ އެވެ. ނަމަވެސް ކޮންމެވެސް ބަހަނާއެއް އަބަދު ވެސް ދައްކަ އެވެ. ހިކުމުގެ މަސައްކަތް ކުރަން ބޭނުންވެ އެވެ. އެކަމަކު ބަހަނާއެއް ދެއްކޭނެ ގޮތެއް އޮތިއްޔާ އެކަން ވެސް ކުރެއެވެ.
މި ލިޔުމުގައި ގެނެސް ދޭނީ ހިކެން މަސައްކަތް ކޮށް، ނަމަވެސް އެކަން ނުވެފައި ތިބި މީހުން އަބަދު ވެސް ދައްކާ ބަހަނާތަކެވެ. ކަސްރަތުކުރުން އަދި ސިއްހަތަށް ފައިދާ ހުރި ކާނާތައް ކެއުމަށް އެ މީހުން ދައްކާ ބަހަނާތަކެވެ. އަދި ތަޖުރިބާ ހުރި މީހުން އެ ކަންކަމަށް ދޭ ރައްދު ޖަވާބެވެ.
"އަހަރެން ވަރަށް ބިޒީ. ކަސްރަތުކުރާނެ ވަގުތެއް ނުލިބޭ"
ރަނގަޅަށް ވަގުތުތައް ބަހާލައިގެން އުޅޭނަމަ ކޮންމެ ކަމަކަށް ވެސް ވަގުތުވާނެ އެވެ. އެކަމަކަށް އެ މީހެއްގެ ހިތުގައި ލޯބި އޮންނަ ކަމަކަށް ނަމަ އަމިއްލައަށް އެކަމަށް ވަގުތު ހުސްކުރާނެ އެވެ.
ދުވަހުގެ ޕްލޭން ގެންދާނެ ގޮތަކާމެދު ރައްޓެހިންނާއި އާއިލާއާ ވާހަކަ ދައްކާލާށެވެ. ވަގުތު ނުވާނަމަ މިސާލަކަށް ޓީވީ ބެލުން ނުވަތަ "ބުރެއް ޖަހާލަން" ބޭރަށް ނުކުތުންފަދަ ކަންކަމާ ދުރަށް ޖެހިލެވިދާނެ އެވެ. ކުރިން ނިދަން އާދަކުރާށެވެ. އޭރުން އަވަހަށް ހޭލައިގެން ކަސްރަތަށް ދެވޭނެ އެވެ. ދުވަހުގެ މަސައްކަތްތައް ކުރަން އިތުރަށް ފަސޭހަވާނެ އެވެ.
"ސިއްހަތަށް ފައިދާހުރި ކާނާ ވަރަށް އަގުބޮޑު"
އަމިއްލަ ނަފްސާ ސުވާލުކޮށް ވިސްނާލަމާ ހިނގާށެވެ. މިހާރު ފާސްޓްފުޑްތައް ގަންނަން ކިހާވަރެއްގެ ހަރަދެއް ކުރެވޭ ހެއްޔެވެ؟ މިސާލަކަށް ބިސްކޯދު، ކޭކް، ޗިޕްސް އަދި އާންމުކޮށް ބޭނުންކުރެވޭ ފިޒީ ޑްރިންކް ތަކަކީ ވެސް އަގުބޮޑު އެއްޗިއްސެވެ. ހެނދުނު އޮފީހަށް ވަންނަ އިރު ކޮންމެވެސް ކަހަލަ ޕެކެޓަކާއެކު ބިސްކޯދެއް ނުވަތަ އެ ޒާތުގެ ލުއި ކާނާއެއް ކާލާނެ އެވެ. ގާތްގަނޑަކަށް 15 ނޫނީ 20 ރުފިޔާ އެކަމަށް ކޮންމެ ދުވަހަކު ހަރަދުވާނެ އެވެ.
އެ ތަކެތީގެ ބަދަލުގައި، އާފަލަކާއި ދޮންކެޔޮ ވަކެއް އަދި އޮރެންޖެއް ގަނެލުން ކިހިނެއް ވާނެ ހެއްޔެވެ؟ ކޮށާލާފައި ކޮފީއަކާ އެކު ނޫނީ ގްރީން ޓީ އަކާއެކު ބޯލާށެވެ. ހަމަ ގައިމު ވެސް ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ބުއިމަކަށް ވުރެ ސިއްހަތަށް އެއިން ފައިދާވާނެ އެވެ. ހަކަތަ އިތުރުކޮށްދޭނެ އެވެ. އެހެންވީމަ ހަރަދު ވަކިން އިތުރެއް ނުވާނެ އެވެ.
"މަށަކަށް ޖިމަކަށް ނުދެވޭ. އަގު ވެސް ބޮޑު!"
ހިކެން ނުވަތަ ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ކޮންމެހެން ޖިމަކަށް ދާކަށް ނުޖެހެ އެވެ. ޖިމަކަށް ނުގޮސް ވެސް ކަސްރަތުތައް ކުރެވިދާނެ އެވެ. ހިކުމަކީ އެހާ އަގުބޮޑު ކަމަށް ވެގެން ނުވާނެ އެވެ. މިސާލަކަށް ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ދުވެ ނުވަތަ ހިނގާލާށެވެ. އަދި ޖިމުގައި ބޭނުން ކުރާ ބަރުގެ ބަދަލަށް ފެންފުޅިއެއް ވެސް ބޭނުން ކުރުމުން ހަމަ ޖެހެނީ އެއްތާކު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އޮފީހެއްގައި ނުވަތަ ގޭގައި ލިފްޓް ހުންނަ ނަމަ ލިފްޓަށް "ގުޑްބާއި" ބުނާށެވެ. ސިޑި ބޭނުން ކުރަން ފަށާށެވެ.
"ކަސްރަތުކުރީމަ އަހަރެން ވަރަށް ވަރުބަލިވޭ. އެހެންވެ ނޫޅެވެނީ،"
ކޮންމެ ކަމެއް ވެސް ފެށުމުގައި ދަތިތަކާ ކުރިމަތިވާނެ އެވެ. ހާއްސަކޮށް ހިކެން ކުރާ މަސައްކަތްތަކަކީ ގިނަ ބަޔަކަށް އުނދަގޫ އަދި ބުރަ މަސައްކަތްތަކެކެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުވާނެ ކަމެއް ނޯންނާނެ އެވެ.
ފުރަތަމަ ކަސްރަތަށް ދާ ދުވަހު ވެސް ބަނޑަށް "ސިކްސް ޕެކް" އަރުވަން އުޅެފިނަމަ ލިބޭނީ ދެރަ އެވެ. ވަރުބަލިވެ ތަންތަނަށް ތަދުވެ، ކަސްރަތުކުރުމަށް ފޫހިވާނެ އެވެ. ކަސްރަތު ކުރަން ފަށާއިރު ކޮންމެ ދުވަހަކު ފަތިސް ނަމާދުކޮށްލައިގެން ކޮފީއެއް އެއްޗެއް ބޯލައިގެން ކަސްރަތަށް ދާށެވެ. ފަށާއިރު ކޮންމެ ދުވަހަކު ފަސް މިނިޓް ގެ ކަސްރަތުވެސް މައްސަލައެއް ނެތެވެ. ފަހުން ވަގުތު އިތުރުކުރާނީ އެވެ.
"އަހަރެން ވަރަށް ފޮނިއެއްޗެހި ކާހިތް ވޭ. ފޮނި އެއްޗެހި ވަރަށް މީރު،"
މާގިނައިން ފޮނި އެއްޗެހި ކާހިތްވާ ވާހަކަ ދައްކާއިރު، އެގޮތަށް ފޮނި އެއްޗެހި ކާހިތް ވަނީ ކީއްވެކަން އެނގިލަށްވާތޯ އެވެ. އެއީ ހަށިގަނޑު ފަލަވާކަމުގެ ހެތްކެކެވެ. މަސައްކަތުގައި އުޅޭ ގަޑީގައި އަބަދުވެސް ކޮންމެވެސް ކޫސަނި އެއްޗެއް ކާހިތްވުމަކީ އެއީ ތިމާ އެކަމަށް ސަމާލުވާން ޖެހޭ ކަމެކެވެ. އެފަދަ ކާތަކެއްޗާ ދުރުވާން އުނދަގޫވާނެ އެވެ. ނަމަވެސް ފޮނިއެއްޗެއް ނުވަތަ ކޮންމެވެސް ދަޅެއް ނޫނީ ޕެކެޓެއް ބޯލާހިތް ވާނަމަ އާފަލެއް އެއްޗެއް ކާލާށެވެ. ހަފްތާއެއްހާ ދުވަސްތެރޭ މިކަމަށް ހޭނޭނެ އެވެ.
"ޑައިޓް ޖެއްސީމަ އަހަރެން މާބޮޑަށް ބަނޑުހައި ވަނީ،"
ޑައިޓޭ ކިޔާފައި ތިންއިރު ފެން ބޯލައިގެން ހުރީމައި ބަނޑުހައިވާނެ އެވެ. ބަނޑުހައިވެ އާދަޔާހިލާފަށް ކެވޭނަމަ އެކަމަށް އެންމެ ރަނގަޅު ހައްލަކީ ކޮންމެ ދުވަހަކު ހެނދުނު ކަސްރަތަށްފަހު، މަސައްކަތާ މަސްއޫލުވުމުގެ ކުރިން ރަނގަޅު ބްރޭކްފާސްޓެއް ނެގުމެވެ. ނަމަވެސް ގިނަ މީހުންނަށް ވާގޮތަކީ ކޮންމެވެސް ކަހަލަ ޕެކެޓަކާ އެކު ބިސްކޯދެއް ކާލެވެނީއެވެ. އެގޮތަށް ކަންކުރާނަމަ ދުވަހުގެ އެކި ވަގުތުތަކުގައި ބަނޑުހައިވެ އެފަދަ ކެއުންތައް އިތުރަށް ކާހިތްވާނެ އެވެ.