01 Nov 2015, 09:48
އެންހެލް ޑި މާރިއާގެ ލަނޑުން 1-0 އިން ސްޓޭޑް ރެނައިސް ބަލިކޮށް ޕީއެސްޖީ ފްރެންޗް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާއެކީ ޕީއެސްޖީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ، ކުޅުނު 12 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 32 ޕޮއިންޓާއެކީގަ އެވެ. ދެވަނައިގައި އޮލިމްޕިކް ލިޔޯނައިސް އޮތީ 22 ޕޮއިންޓާ އެކީ ތިންވަނާގައި އޮތް އެންޖާސް އަށްވުރެން އެއްމެޗް އިތުރަށް ކުޅެ ފައިދާ ގޯލްގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ރެނައިސް އޮތީ 17 ޕޮއިންޓާއެކީ ލީގުގެ ހަތްވަނައިގަ އެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޑިމާރިއާ ކާމިޔާބުކުރީ މެޗު ނިމެން 15 މިނިޓަށް ވެފައިވަނިކޮށެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް މޯރާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ޕީއެސްޖީގެ ކޯޗު ލޯރެންޓް ބްލޮންކް ބުނީ ޗެމްޕިއަންސް ލީގުގައި ވަރުގަދަ މެޗަކަށް ތައްޔާރުވުމުގެ ކުރިން މި މެޗުން މި ލިބުނީ މުހިއްމު މޮޅެއް ކަމަށެވެ.
ޕީއެސްޖީން ދެން ބައްދަލުކުރާނީ، ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު ރެއާލް މެޑްރިޑާއެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ، ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.