01 Nov 2015, 09:42
މޮސްކޯ (ނޮވެމްބަރު 1) : މިސްރުގެ ސައިނާ އިއްޔެ ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިއެސް ޖަމާއަތުން އުފުލުމުން ރަޝިޔާ އާއި މިސްރުން އެކަމަށް ޝައްކުކޮށްފި އެވެ.
ރަޝިޔާއާއި މިސްރުގެ މަސްއޫލުވެރިން ވިދާޅުވީ އެއީ ހަގީގަތެއްކަމަށް ނުބެލެވޭ ކަމަށާއި ރަޝިޔާގެ ބޯޓު އައިއެސް އިން ވައްޓާލިކަމުގެ އެއްވެސް ހެއްކެތް އަދި ފެންނަން ނެތްކަމުގަ އެވެ. ރަޝިޔާގެ މަތިންދާބޯޓު ވެއްޓިފައިވާ ސަރަހައްދަށް ޒިޔާރަތްކުރި މިސްރާއި ރަޝިޔާގެ ތަޖްރިބާކާރުން ވަނީ އެބޯޓު ވެއްޓުމުގައި ޓެރަރިޒަމްގެ އަމަލެއް ހިމެނޭކަމުގެ ހެއްކެތް އަދި ފެންނަންނެތް ކަމަށާއި ނަމަވެސް މިކަން ކަށަވަރުވާނީ މިކަމާ ބެހޭ ތަހްގީގްތަކަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ.
ސައިނާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ގޮތްޕެއްކަމަށްވާ "ވިލާޔަތު ސައިނާ" ގްރޫޕަކީ ބަރުހަތިޔާރު ގެންގުޅޭ ވަރަށް ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެކެވެ. ފަސިންޖަރު މަތިންދާބޯޓު ވައްޓާލެވޭ ފަދަ ރޮކެޓް ނޫނީ ބޮޑުބަޑި އެޖަމާއަތުގެ އަތްދަށުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަސިންޖަރު މަތިންދާބޯޓެއް ވައްޓާލުމަކީ އަސްކަރީ ބޯޓެއް ވައްޓާލުމަށް ވުރެ މާ ފަސޭހަ ކަމެއްކަމަށް ވާތީ "ވިލާޔަތު ސައިނާ" ގްރޫޕްގައި މިޖަރީމާ ހިންގުމުގެ އަސްކަރީ ގާބިލްކަން ހުންނާނެ ކަމަށްވެސް މީޑީޔާ ރިޕޯޓްތައް ބުނެ އެވެ.
މިޙާދިސާއަށް ފަހު މިސްރާއި ރަޝިޔާގެ ރައީސުން ވަނީ ފޯނުން ގުޅުއްވައި މިކަމުގެ ތަހްގީގަށް ބޭނުންވާ އެހިތެރިކަމާއި އެއްބާރުލުން ކޮންމެ ގައުމަކުން ވެސް އަނެއްގައުމަށް ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިސްރުން ރޭގެ ވަގުތެއްގައި ވަނީ ރަޝިޔާގެ ބޯޓުގެ ކަޅުފޮށީގެ ދެފޮށިވެސް ސައިނާގެ މެދުތެރޭގައިވާ އަލްޢަރީޝްގެ ދެކުނުން 50 ކިލޯ މީޓަރު ދުރުގައިވާ ހިސާބަކުން ފެނުނުކަން ހާމަކޮށްފަ އެވެ.
މި ބޯޓު ވެއްޓުމުގެ ޙާދިސާގެ ތަހްގީގްތަކަށް އެހީތެރިވެދޭނެކަން އެބޯޓު އުފެއްދި އެއަބަސް ކުންފުނިން ވެސް ވަނީ ހާމަކޮށްފަ އެވެ. އެއަބަސް ކުންފުންޏަކީ ޔޫރަޕްގެ ތިން ގައުމު ކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތުގެ ކުންފުންޏެކެވެ. ސައިނާ ސަރަހައްދަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ޙާދިސާގައި އެބޯޓުން ދަތުރުކުރި އެންމެންވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ އަދަދަކީ 224 އެވެ. އޭގެތެރޭގައި 7 ކުރޫންނާއި 217 ފަސިންޖަރުން ހިމެނެ އެވެ. މީގެ ތެރެއިން ގިނަމީހުންގެ ހަށިތައް ކުދިކުދިވެފައިވާއިރު މިސްރުގެ ރެސްކިޔު ޓީމްތަކުން ގެންދަނީ ހަށިތަކުގެ ބައިތައް ގާހިރާގައިވާ މޯޗަރީއަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.
މި ބޯޓު ވެއްޓުނީ ސައިނާގެ ރެސޯޓް ރަށެއްކަމަށްވާ ޝަރްމުއްޝައިޚްގެ އެއަޕޯޓުން ފުރައިގެން ރަޝިޔާގެ ސެންޕީޓާސްބާގް އަށް ދަތުރު ކުރަނިކޮށެވެ. ބޯޓު ވެއްޓުނު އިރު ދަތުރު ކުރަމުން ދިޔައީ 9450 މީޓަރު މަތިންކަމަށްވެ އެވެ. މިޙާދިސާއާ ގުޅިގެން ރަޝިޔާގައި ރައީސް ޕޫޓިން ވަނީ ތިންދުވަހުގެ ގައުމީ ހިތާމަ އިޢްލާންކުރައްވާފަ އެވެ. ވެއްޓުނު މަތިންދާބޯޓަކީ "އެއަރބަސް އޭ 321" މަރުކާގެ ބޯޓެކެވެ. އެބޯޓަކީ ރަޝިޔާގެ އެއަރލައިން އެއްކަމަށްވާ "ކޮގްލީމް އޭވިޔާ" ކުންފުންޏަށް ނިސްބަތްވާ ބޯޓެކެވެ. (އާރުޓީ)