01 Nov 2015, 02:49
ސްޕެނިޝް ލީގްގައި ރޭ ލަސްޕަލަމްސްގެ މައްޗަށް 3-1 ގެ ނަތީޖައަކުން ރެއާލް މެޑްރިޑުން ކުރި ހޯދިއިރު ލުއިސް ސުއަރޭޒާއި ނޭމާ ޑަސިލްވާގެ ލަނޑުންތަކުން 2-0 ގެ ނަތީޖާއަކުން ގަޓޭފޭގެ މައްޗަށް ކުރި ހޯދައި ބާސެލޯނާވެސް ރެއާލްގެ ފަހަތުގައި ވިއްދައިފިއެވެ.
ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބެރުނަބިއު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ރެއާލްގެ ލަނޑުތައް ކާމިޔަބު ކުރީ އިސްކޯއާއި ރޮނާލްޑޯގެ އިތުން ޖޭސް ރޮޑްރިގޭޒްއެވެ.
ލަސްޕަލަމްސްގެ ހަމައެކަނި ލަނޑު ކާމިޔަބު ކުރީ އެރުނަން ޑެނިއަލްއެވެ.
މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ރެއާލްގެ ފުރަތަމަ ލަނޑު އިސްކޯ ކަމިޔާބު ކުރީ ކެސެމީރޯ ތަނަވަސްކޯށްދިން ފުރުސަތަކުންނެވެ.
އޭގެ 10 މިނެޓް ފަހުން މާސެލޯ ތަނަވަސްކޯށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔަބުކޮށްފައެވެ.
ރޮނާލްޑޯ ވަނީ އޭނާ ޖެހި ލަނޑާއެކު ރެއާލްގެ ލެޖެންޑް ހޫގޯ ސަންޗޭޒްގެ ރެކޯޑް އާކޯށްފައެވެ. އެއީ ސްޕެނިޝް ލީގްގައި ޖެހި 234 ގޯލާއެކު ސްޕެނިޝް ކުލަބުގެ ވާދަ ކުރާ ކޮންމެ ޓީމެއްގެ ކޮޅަށް ލަނޑު ޖެހުމުގެ ރެކޯޑެވެ.
މެޗްގެ 38 ވަނަ މިނެޓްގައި އަރުނަން ވަނީ ލަސް ޕަލަމްސްގެ ލަނޑު ކާމިޔަބުކޮށްފައެވެ.
މިއީ މިސީޒަންގައި ރެއާލް ކޮޅަށް ވަން ތިން ވަނަ ލަނޑެވެ. އަދި މިސީޒަންގައި ރެއާލްގެ އަމިއްލަ ދަނޑުގައި އެޓީމުކޮޅަށް ވަން ފުރަތަމަ ގޯލެވެ.
ރެއާލްގެ ތިންވަނަ ލަނޑު ޖޭސް ކާމިޔާބު ކުރީ މެޗްގެ 43 ވަނަ މިނެޓުގައި ޓޯނީ ކްރުޒް ތަނަވަސްކޯށްދިން ފުރުސަތަކުންނެވެ.
ގަޓޭފޭގެ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ބާސާގެ ފުރަތަމަ ލަނޑު ސުއަރޭޒް ކާމިޔާބު ކުރީ މެޗްގެ 37 ވަނަ މިނެޓްގައެވެ.
ބާސާގެ ދެ ވަނަ ލަނޑު ނޭމަ ކާމިޔާބު ކުރީ 58 ވަނަ މިނެޓެވެ.
ބާސާގެ ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރޭގެ މެޗްގައި މޮޅު ކުޅުމެއް ދެއްކި ސާޖިއޯ ރޮބާޓޯއެވެ.
ބާސާ އާއި ރެއާލް މޮޅުވިއިރު ދެޓީމަށްވެސް ލިބިފައިވަނީ 24 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ބާސާއަށެވެ.