މާލޭ ސިޓީ ކައުންސިލްގައި މުވައްޒަފުންގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން މުވައްޒަފުންނަށް ފުރައްސާރަ ކުރުމުގެ ބަދަލުގައި އެ އިދާރާގެ އޮނިގަނޑު ވީހާ ވެސް އަވަހަށް ނިންމުމަށް ފަހު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުން މުހިންމު ކަމުގައި އެކޮމިޝަނުން ބުނެފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ފުރައްސާރަވާ ފަދަ ގޮތްގޮތަށް އެއިދާރާގެ އިސް ވެރިން މީޑިއާގައި ވާހަކަ ދައްކަވަމުންދާ ކަމަށެވެ. އަދި އެ އިދާރާގެ އޮނިގަނޑު އެކުލަވާލުމަށް ފަހު ފޮނުވުމުން ނޫނީ އެކައުންސިލުން ކުރަން ބޭނުންވާ ކަންތައްތަކެއް އެކޮމިޝަނަށް ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ މެންބަރުން 2 ފެބްރުއަރީ 2011 ގައި ހުވާކުރެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުންނާ އެކޮމިޝަނުން ބައްދަލުކޮށް، ކައުންސިލްގެ އިދާރީ އޮނިގަނޑު ރިވައިސް ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށާއި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތުގައި ކައުންސިލަށް އެހީވުމަށް ކޮމިޝަންގެ ޓެކްނިކަލް މުވައްޒަފަކު ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ކުރުމަށް ހަމަޖެހިފައިވާ ގިނަ މަސައްކަތްތަކަކީ ސަރުކާރުގެ ކޮންމެވެސް އިދާރާއަކުން ކުރަމުން ގެންދާ މަސައްކަތެއް. އެމަސައްކަތް ކުރުވުމަށް ސަރުކާރުގެ އެ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތް އެ އިދާރާތަކުން ކުރުން ހުއްޓާލައި ނުވަތަ މާލޭ ސިޓީ ކައުންސިލުން ކުރަން ފެށުމުން އެ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރެވޭނެ." އެ ބަޔާނުގައިވެ އެވެ.

މާލޭ ސިޓީ ކައުންސިލް އުފެދުނު ފަހުން، މިހާރު އޮތް އޮނިގަނޑަށް އިތުރުކުރުމަށް ހުށަހެޅި 68 މުވައްޒަފެއްގެ މާޤާމާ އެކު އެ ކައުންސިލްގައި ސިވިލް ސާވިސްގެ 672 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.

މާލޭ ސިޓީ ކައުންސިލަށް ލިބިދޭ ބާރާއި މަޝްއޫލިއްޔަތުގެ ދަށުން އެ ކައުންސިލުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮނިގަނޑު އެ ކައުންސިލަރުންގެ ފަރާތުން ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށާއި އިދާރީ އޮނިގަނޑު އެކުލަވާލުމަށް ފަހު ފޮނުވުމުން ބަޖެޓް ހަމަޖައްސާ މިންވަރެއްގެ މައްޗަށް ބަލައި އޮނިގަނޑު ފާސްކޮށްދޭނެ ކަމަށް ވެސް ސިވިލް ސާވިސްގެ އެ ބަޔާނުގައިވެ އެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެންބަރަކު އަހުމަދު ފަލާހު މިއަދު ވިދާޅުވީ މިހާރު އޮތް އޮނިގަނޑާ މާ ރަނގަޅު ނޫން ކަމަށާއި ނަމަވެސް އަންނަ ހަފްތާގެ ތެރޭގައި އާ އޮނިގަނޑެއް އެކުލަވާލުމަށް ފަހު ފޮނުވާނެ ކަމަށެވެ.