ބ. ހިބަޅިދޫއިން ހޯދި ހަތިޔާރުގެ ތެރޭގައި ސިފައިންގެ ބަޑިގުދަނުގެ ހަތިޔާރު ހިމެނޭ ކަމަށާއި ބަޑިގުދަނުގެ ހަތިޔާރު ބަލަހައްޓާ ސިސްޓަމް ކުރިން ހުންނަ ގޮތުން އެ ހަތިޔާރުތައް އުސޫލުން ބޭރުން ނެގޭނީ ބަޑިގުދަނުގެ ވެރިންނަށް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ހިބަޅިދޫއިން ފެނުނު ހަތިޔާރުގެ ތެރޭގައި ހިމެނެނީ ސިފައިންގޭގެ ދެ ބަޑިއެއް ކަމަށެވެ. އެއީ އޭކޭ 56، އަދި އެމްޕީ5 ގެ ބަޑިއެކެވެ.

އިހްސާން ވިދާޅުވީ ބަޑިގުދަނުގެ ހަތިޔާރުތައް ބަލަހައްޓާ ސިސްޓަމް ކުރިން ހުރި ގޮތުން އުސޫލުން ބޭރުން އެ ހަތިޔާރު ނެގޭނީ ބަޑިގުދަނުގެ ވެރިންނަށް ކަމަށެވެ. ނަމަވެސް އެފަދަ ގޮތަކަށް ބަޑިގުދަނުން ހަތިޔާރު ބޭރު ނުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

"މި ހަތިޔާރުތަކަކީ އަޅުގަނޑުމެންގެ ކުރީގެ ސިސްޓަމް ހުރި ގޮތުން އެ އިރެއްގައި އާމަރީ [ބަޑިގުދަނުގެ] އިސްވެރިންނަށް ތިއްބަވާ ބޭފުޅުން، ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެ ބޭފުޅުންގެ އިންޓެންޝަން ހުންނަވާ ގޮތަކުން، އެ ކަނޑައެޅިފައި އޮންނަ އުސޫލުން ބޭރުން، ކުރިއަށް ގެންދެވިދާނެ ގޮތަކަށް ހުރީގެ ސިސްޓަމް އޮތީ. ނަމަވެސް މި ކަންތައް އަޅުގަނޑުމެންނަށް ފާހަގަވި ހިސާބުން ފެށިގެން، މިހާރު ސިފައިންގޭގެ ހަތިޔާރުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރެވި، ކުރީގެ ހުރި ސިސްޓަމްސްތައް ރިވައިސް ކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި، ހުރިހާ ހަތިޔާރެއްވެސް ބެލޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި،" ބަޑިގުދަނުގެ ޑެޕިއުޓީ ކޮމާންޑަރުކަން މިހާރު ކުރައްވާ އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ އެފަދަ ދެ ވަނަ ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަށް އަރުވާ ކަމަށާއި ތަހުގީގުގައި "އެންމެ ފުނަށް ދާނެ" ކަމަށެވެ.

ހިބަޅިދޫން ފެނުނު އެހެން ހަތިޔާރުތަކާއި ސިފައިންގެ ހަތިޔާރުތަކާ ގުޅުން އޮތް ވަރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

އިސްކަންދަރު ބިންޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްފަހު އޭސީޕީ އަބްދުﷲ ނަވާޒު (ކ) އާއި ކެޕްޓަން އަލީ އިހްސާން ވަޑައިގަންނަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަބްދުﷲ ނަވާޒު ވިދާޅުވީ ހަތިޔާރާއެކު ސިފައިންގެ މީހެއްގެ ޓީޝާޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ ޓީޝާޓު ނިސްބަތްވާ މީހާ ހުރީ ސިފައިންގެ މަރުކަޒެއްގައި ބަންދުކޮށްފައި ކަމަށް ނަވާޒު ވިދާޅުވި އެވެ.

ހެބަޅިދޫއިން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ އޭކޭ ސީރީސްގެ ޓީ 56 ގެ ފުލް ވެޕަން ސިސްޓަމަކާއި އޭގެ 7.62 މިލިމީޓަރުގެ 121 ވަޒަނެވެ. އެ ބަޑި ބޭނުންކޮށްގެން 300 މީޓަރުގެ ދުރުމިނުން ވެސް މީހަކަށް ހަމަލާދެވިދާނެ އެވެ.

އެމްޕީ5 ފުލް ސިސްޓަމެެއް ފުލުހުން ވަނީ ހިބަޅިދޫއިން ހޯދާފަ އެވެ. މިއީ ސަބް މެޝިން ގަން ގެ ގޮތުގައި ކެޓަގަރައިޒް ކޮށްފައިވާ އެއްޗެކެވެ. އެ ބަޑީގައި ބޭނުންކުރާ 9 މިލިމީޓަރުގެ 43 ވަޒަން ވެސް ވަނީ ފެނިފަ އެވެ.

ކެޕްޓަން އަލީ އިހްސާން: މިފަދަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާނު ނުވާނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ