ބ. ހިބަޅިދޫ ފަޅުތެރެއަށް ފައްތާފައި ހުއްޓައި ހޯދި ހަތިޔާރުތައް ނޫސްވެރިންނަށް ދައްކާލި އިރު، ލޮލުގައި އަޅައިގަތީ ވަޒަނެކެވެ. އެއީ ބޮޑު ވަޒަނެކެވެ. ދުރު ރާސްތާއަކަށް ފޮނުވާލެވޭނެ އެ ވަޒަނަކީ ސްނައިޕާ ރައިފަލެއްފައި ބޭނުން ކުރާ ވަޒަނެކެވެ. ނަމަވެސް ފުލުހުން ހޯދި ހަތިޔާރުތަކުގެ ތެރެއިން އެ ވަޒަން ލައްވާ ސްނައިޕާ ރައިފައްލެއް، ނުފެނުނެވެ.

ދިވެހި ތާރީހުގައި މިއީ މިފަދަ ބޮޑު ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. ސިފައިންނާއި ފުލުހުން ކިޔައިދިން ވާހަކަތަކުން ބިރުވެރިންކަން އިތުރުވެ އެވެ. ރައްކާތެރިކަން ދޭން ތިބި ސަލާމަތީ ބާރުތަކުގެ ބައެއް މީހުން އިހްމާލުބޮޑުވުމުންނެވެ.

އަދިވެސް ފުލުހުންގެ ތަހުގީގު ހުއްޓައެއް ނުލަ އެވެ. އަތު ބޮމާއި ރިމޯޓް ބޭނުންކޮށްގެން ގޮއްވާ ބޮމާއި ބަޑިއާ އެކު ސުނައިޕަރުގައި ބޭނުން ކުރާ ދުރުމިއެއް ފުލުހުން ވަނީ ހޯދާފައި އެވެ. އެއީ "ޑޭސްކޯޕް" އެކެވެ.

ނުރައްކާތެރި ސުނައިޕަރުގެ ވަޒަނާއި ޑޭސްކޯޕް ފެނިފައިވާ އިރު އޭގައި ބޭނުން ކުރާ ބަޑިވާނެކަން އެ ބަޔަގީންވެ އެވެ. އެ އެތެރެ ކުރި ބަޔަކު ހަމައެކަނި ވަޒަން އެތެރެ ކުރުމުގެ ބަދަލުގައި އެ ވަޒަން ބޭނުން ކުރާނެ ބަޑި އެތެރެ ކުރާނެ ކަމަށް ބެލެވޭ އިރު އުފެދޭ ސުވާލަކީ އެ ބަޑިކޮބާތޯ އެވެ. އެހެން ހުރިހާ ބަޑިތަކާ އެކު އެތަކެތި ބޭނުން ކުރާނެ ވަޒަންތައް ވެސް ފެނިފައިވާ އިރު އެ ވަޒަން ބޭނުން ކުރާނެ ހަތިޔާރު ނުފެނުމަކީ މިއަދު އުފެދިފައިވާ ކަންބޮޑުވުމެވެ.

ސުނައިޕަރެއްގައި ބޭނުން ކުރެވިދާނެ ދުރުމީއެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ހިބަޅިދޫން ފެނުނު ހަނގުރާމަވެރި ހަތިޔާރާ ގުޅޭ ތަހުގީގު އަދި ވެސް ވަނީ ކުރިއަށް ކަމަށާއި އަދިވެސް އެ ރަށް އޮތީ ސަލާމަތީ ބާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ސުނައިޕަރަކީ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ. އެ ހަތިޔާރަކީ ވަރަށް ދުރުގައި ހުރެގެން އަމާޒުކޮށް ހަމަލާ ދޭ ހަތިޔާރެކެވެ. އެ ބަޑީގެ މެކްސިމަމް އިފެކްޓިވް ރޭންޖް 600 މީޓަރާއި 800 މީޓަރު ދުރަށް ވަޒަން ފޮނުވާލެ އެވެ. އެފަދަ ބަޑި މުޅިން ވެސް ބޭނުން ކުރަނީ ދުރުގައި ހުންނަ ޓާގެޓްތަކަށް ހަމަލާދިނުމަށެވެ. ހާއްސަކޮށް "ސުނައިޕަރުން" ފަދަ ތަމްރީނުތައް ލިބިފައިވާ ފަރާތްތަކުން އެއް ވަޒަނުން ފުރާނައަށް ގެއްލުންދޭ ހަމަލާދިނުމަށް އެފަދަ ހަތިޔާރު ބޭނުންކުރެވެ އެވެ.

ރާއްޖެއިން ބޭރުގެ ގައުމެއްގައި ސުނައިޕާ ބޭނުން ކުރަނީ--

ހިބަޅިދޫއިން އަތުލައިގަނެވުނު ހަތިޔާރުތަކުގެ ތެރޭގައި:

*އޭކޭ ޓީ56ގެ ފުލް ސިސްޓަމެއް ހިމެނޭއިރު 7.62އެމްއެމްގެ 121 ވަޒަން ހިމެނޭ. އޭގެ ރޭންޖަކީ 0-300 މީޓަރު.

*މެޝިން ޕިސްޓޯލް-5 ނުވަތަ އެމްޕީ-5 ޕިސްޓޯލްއެއް ހިމެނޭ. އެއާ އެކު 9އެމްއެމްގެ 43 ވަޒަން ހިމެނޭ. އެ ވަޒަންތަކުގެ ރޭންޖަކީ 125 މީޓަރު.

* 50 މީޓަރުގެ ރޭންޖަކަށް ވަޒަން ފޮނުވާލެވޭނެ ބްރައުނިން ޕިސްޓޯލްއެއް.

*ލޯންގް ރޭންޖް ސްނައިޕާ ރައިފަލެއްގެ ވަޒަނެއް.

*އެމް75ގެ ދެ ހޭންޑް ގްރެނޭޑް. އެ ދެ ގްރޭނޭޑަކީ 15 މީޓަރުގެ ސަރަހައްދެއްގައި ބައެއްގެ ފުރާނައަށް ގެއްލުން ދެވިދާނެ، އަދި 50 މީޓަރު ދުރުގައި ތިބޭ ބަޔަކަށް ވެސް އަނިޔާ ދެވިދާނޭފަދަ ދެ ގްރެނޭޑް.

ސިފައިންނާއި ފުލުހުން ގުޅިގެން ހިބަޅިދޫގައި ކުރިއައް ގެންދިޔަ އޮޕަރޭޝަންގައި ހޯދި ހަތިޔާރުތަކެއް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާދިސާއާ އެކު އުފެދިފައިވާ ބިރުވެރިކަން މި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ވެރިރަށް މާލޭގެ ގެއަކުން ޕިސްތޯލެއް ފެނިފައިވާ އިރު ބޮންހެދުމަށް ބޭނުން ކުރާ ސާމާނު މާލޭގެ ގޭގެއިން އެ ވަނީ ފެނިފަ އެވެ. ހަމައެއާ އެކު ދެން ފެންމަތިމިވި މައްސަލައަކީ ރިސޯޓަކަށް ތަރައްގީ ކުރަމުން ދިޔަ ރަށެއްގެ ފަޅުތެރެއިން ހަތިޔާރުތަކެއް ފެނުން މައްސަލަ އެވެ. މި ސަބަބުތަކާ އެކު އުފެދޭ ބިރުވެރިކަމަކީ ސަލާމަތީ ބާރުތަކަށް ފޮރުވައިގެން އަދި ވެސް އެފަދަ ހަތިޔާރެއް ގެންގުޅެދާނެ ކަމުގެ ބިރުވެރިކަމެވެ. ސުނައިޕަރު ނުފެނި ސުނައިޕަރުގެ ވަޒަން ފެނުމަކީ ވެސް މީގެ ތެރެއިން އެއް ހެއްކެވެ.

ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅޭ ބަޔަކު އެތަކެތި އެއް ތަނެއްގައި ފޮރުވާފައި ބަހައްޓާނެ ކަމަށް ބަލާކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި އެހަތިޔާރުތައް އެތައް ތަނަކު އެތައް ގޮތަކަށް ފޮރުވާފައިވާނެ ކަމަަށް ބަލަން އެބަޖެހެ އެވެ. އަސްކަރީ ހަތިޔާރު މާލޭގެ ގޭގެއިންނާއި ފަޅުރަށްތަކުގެ ފަޅުތެރެއިން ފެންނަ ހިސާބަށް ކަންކަން ދިއުމުން މިތަކެތި އެތެރެ މިވަނީ ކިހިނެއްތޯ މިއީ ބަލަން ޖެހޭ ކަންކަމެވެ.

ފެނުނު ހަތިޔާރުތަކުގެ ތެރެއިން ދެ ހަތިޔާރަކީ ސިފައިންގޭގެ ހަތިޔާރު ކަމަށްވާ އިރު ނުރައްކާތެރި ހަތިޔާރުތަކެއް ފެނުނު މައްސަލަ ފެންމަތިވެފައިވާ އިރު އެތަކެތި އެތެރެވި ގޮތާއި އެންމެ ބޮޑަށް ގުޅުވައިގެން ދެކެވޭ ވާހަކައަކީ އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލަ އެވެ. އެ ކޮންޓޭނާ އެތެރެކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ބޭނުމަކަށް ކަމަށް ބުނެ އެވެ. އަދި ކޮންޓޭނާ ކްލިއާކޮށްފައި ވަނީ ސިފައިންނެވެ. އެމައްސަލާގައި އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މޫސާ އަލީ ޖަލީލު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވާ ގޮތުގައި އެބަޑިބޭސް ކޮންޓެއިނާ އެމްއެމްޕީއާރުސީގެ ބެލުމުގެ ދަށުން އެތެރެކޮށްފައި ވަނީ އެމަނިކުފާނުގެ ހުއްދަ ހޯދުމަކާ ނުލަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ޝިޕްމަންޓްގައި ދެން ހުރީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ އެވެ. ބަޑިބޭހަކީ ބޮން އުފައްދަން ވެސް ބޭނުންކުރެވިދާނެ އެއްޗެއް ނަމަވެސް އެއީ އަވަސް އަރުވާލައިގެން ކުލިއާކޮށްފައި އޮތް ޝިޕްމެންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ބަޑިބޭސް ޝިޕްމެންޓް އެތެރެވުމާއި ގުޅޭ ގޮތުން ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ތަކެތި ބަލަހައްޓާ ކަސްޓަމްސުން ބުނެފައި ވަނީ އެ ބަޑިބޭސް ކޮންޓެއިނަރަށް ކްލިއަރެންސް ދިނުމުގައި އެ އިދާރާ އިން އަމަލުކޮށްފައި ވާނީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނާ އެއްގޮތަށް އެ ގާނޫނުގައި ބުނާ ހުރިހާ އިޖްރައާތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

ކޮންމެ ގޮތެއްވިޔަސް ކަންބޮޑުވުން އިންތިހާ އެވެ. ސަބަބުތައްވެސް ގިނަ އެވެ. އެތައް ހަތިޔާރެއް އެ ވަނީ ފެނިފަ އެވެ. ހަތިޔާރާ އެކު ބޭނުންކުރާ ވަޒަން ވެސް އެވަނީ ފެނިފަ އެވެ. ނަމަވެސް ސުނައިޕަރުގެ ވަޒަން ފެނުނު އިރު އެބަޑި ނުފެނުން މިވަނީ އިތުރު ބިރަކަށްވެފަ އެވެ.