31 Mar 2011, 23:49
ރާއްޖޭގެ މިއަދުގެ ހާލަތާ މެދު އެންމެ ހިތާމަކުރައްވާ ކަމަކީ ސަރުކާރު ހިންގާ ޕާޓީ ޒިންމާދާރު ކުރުމަށް އިދިކޮޅު ޕާޓީގެ ޒިންމާ ނޫފުލޭތީ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާތީ އެއިންތިހާބުގެ ކެމްޕޭން ލޯންޗްކުރުމުގެ ގޮތުން އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީ އިދިކޮޅުޕާޓީއެއްގެ ގޮތުގައި އޮތް އިރު އިދިކޮޅުޕާޓީއެއްގެ ދައުރު ވާނީ ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ.
"ހިތާމައަކީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައި އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީއަށް އިދިކޮޅުޕާޓީއެއްގެ ޒިންމާ ނޫފުލޭތީ. އެ ޕާޓީ އަށް އިދިކޮޅުޕާޓީއެއްގެ ހަރަކާތްތައް ނުހިންގޭތީ. އެއީ ހިތާމަވެރިކަމެއް. އަޅުގަނޑުމެން ބޭނުން އިދިކޮޅު ޕާޓީ ދުޅަހެޔޮކޮށް އިދިކޮޅުޕާޓީއެއް ގޮތަށް ހަރަކާތްތެރިވާން،" ޕާޓީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީ އާއި އިދިކޮޅުޕާޓީއާ ދެމެދު ހުންނަ ފަރަގު ކިޔައިދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުމަށް ޓަކައި މަގުމައްޗަށް ނުކުމެ މުޒާހަރާކުރުމަކީ ސަރުކާރު ހިންގާ ޕާޓީއެއްގެ ކަމެއް ނޫން ކަމަށާއި އެއީ އިދިކޮޅުޕާޓީން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
މިހާރު އިދިކޮޅުޕާޓީއެއްގެ ގޮތުގައި އޮތް އެންމެ ބޮޑުޕާޓީ ޑީއާރުޕީއަށް ސަރުކާރު ޒިންމާދާރުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ޚުދު އެ ޕާޓީގެ ގިނަ ބަޔަކު ވެސް ދަނީ ކުރަމުންނެވެ.