ވަގުތު އޮންލައިންގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީ ދިރިއުޅޭ ގ. އެންޓެޓައިން އާއި އެ ނޫހުގެ މާކެޓިންގ އެކްޒެކެޓިވް އިސްމާއީލް ޝަފްރާޒް ދިރިއުޅޭ މއ. ބްލެކްޕޫލް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮފިއެވެ.

އެ ދެ ބޭފުޅުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކޮށްފައި ވަނީ އެ ނޫހުގެ ކުރީގެ ޗީފް އެޑިޓަރު ސ. ހިތަދޫ ޖަނބުރޯލުމާގޭ މުޝައްރަފް ހަސަން ދީދީ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހ. ހިޔާކޯޅިގެއަށް މުޝައްރަފް ގެންގޮސް އޭނާއަށް ބިރުދައްކައި މަރުގެ އިންޒާރު ދިނުމަށްފަހު އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެރޭ ސޮއިކޮށްފައި ވަނީ މުޝައްރަފުގެ ނަންމަތީގައިވާ ވަގުތު ނޫހުގެ ހިއްސާ ހއ. މުރައިދޫ ވައިޖެހޭގެ މުހައްމަދު ވިޝާމްގެ ނަންމައްޗަށް ބަދަލުކުރާ ގޮތަށް ލިޔެފައިވާ އެގްރީމެންޓެއްގައި ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

އޭގެއިތުރުން މުޝައްރަފްގެ ނަންމަތީގައިވާ ވަގުތުގެ ޑޮމެއިން އާއި އޭނާގެ ނަންމަތީގައި ނަގާފައިވާ ދިރާގާއި އުރީދޫގެ ދެ މޮބައިލް ނަންބަރުގެ ވެރިފަރާތް އެތަނުގެ ސީއީއޯގެ ނަންމައްޗަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ފުލުހުން އެ ދެ ގެއަށް ވަނީ އެ މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.