31 Oct 2015, 19:06
ޗައިނާގެ ހެނާންގައި ދެ ފަންގިފިލާއަށް ނަގާފައި ހުރި އިމާރާތެއް ހުކުރު ދުވަހުގެ ހަވީރު ވެއްޓި 17 މަސައްކަތު މީހުން މަރުވެ، 23 މީހުންނަށް އަނިޔާ ވެއްޖެ ކަމަށް ޗައިނާގެ މީޑީއާ އިން ބުނެފި އެވެ.
އިމާރާތުގައި ތާށި ވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ވަނީ މިއަދާ ހަމައަށް ކުރިއަށް ގެންގޮސްފައެވެ.
އަނިޔާވި މީހުންނަށް އެ އިމާރާތުގެ ކައިރީގައި ހުރި ލޯހޯ ސިޓީގެ ހޮސްޕިޓަލަކުން ދަނީ ފަރުވާ ދެމުންނެވެ.
އެ އިމާރާތް ވެއްޓުނީ ފައުންޑޭޝަން ވަރުގަދަ ކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އެތަން ވެއްޓުމަށް ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުން ދާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.
ސަލާމަތްވި މީހުންގެ ތެރެއިން މީހަކު ޗައިނާގެ ސީސީޓީވީއަށް ބުނެދީފައިވާ ގޮތުގައި ގިނަދުވަސްތަކެއް ވެފައިވާ އެ އިމާރާތުގައި މަސައްކަތް ކުރި ގިނަ މީހުންނަކީ މާ ބޮޑު ތަމްރީނެއް ނެތި ނަންޔަންގު ސިޓީ އިން މަސައްކަތް ކުރަން އައިސް ތިބި ފަގީރު ދަނޑުވެރިންނެވެ.
އޮފިޝަލުން ބުނި ގޮތުގައި އެ އިމާރާތަކީ 1990އިގެ އަހަރު ތަކުގައި ހަދާފައިވާ އިމާރާތެކެވެ.