ހޮނިހިރު ދުވަހުގެ ފަތިހު ދެކުނު ފިލިޕީންސްގެ މާރުކޭޓޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 15 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭއިރު ދެން ހިމެނެނީ އެތަނުގައި ވިޔަފާރިކުރާ ވިޔަފާރިވެރީންނެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަފްތާ ބަންދުގައި އަވަހަށް ސްޓޯލްތައް ހުޅުވުމަށް އެމީހުންގެ ސްޓޯލްތަކުގައި ނިދާފައި ކަމަށް ފުލުހުން ބުންޏެވެ.

ފިލިޕީންސްގެ ޒަމްބޮއަންގާ ސިޓީގައި ހިނގައިދިޔަ އެ ހާދިސާގައި އިތުރު 13 ވިޔަފާރި ވެރިއަކަށް ވަނީ އަނިޔާ ވެފައެވެ.

ސީނިއާ ސުޕްރިންޓެންޑެންޓް އަންހެލިތޯ ކަސިމިރޯ ވިދާޅުވީ، އަލިފާނުގެ ހާދިސާ ފެށިފައިވަނީ ކަރަންޓް ކޭބަލްތަކަކުން ބުރައިގެން ދިޔަ އަލިފާން ކަނިތަކުގެ ސަބަބުން މަގުގެ އެއްފަރާތުގައި ހުރި ކުޑަ ތަކެއްގައި ރޯވެ، އޭގެ ސަބަބުން އެތާ ހުރި ފޮތީގައި ރޯވުމުން ކަމަށެވެ.

"ކުޑައިގަ ރޯވިތަން އެއް ވިޔަފާރި ވެރިއަކަށް ފެނުނު ނަމަވެސް ގިނަ މީހުން ތިބީ ނިދާފަ. ދެން ތިބި މީހުން ގަބޫލެއް ނުކުރި އަލިފާން ރޯވިކަމަކަށް،" އިންވެސްޓިގޭޓަރު ރަފައެލް ސަލްސީދޯ ވިދާޅުވި އެވެ.

ކައިރީގައި ހުރި ބިލްޑިންގް ތަކަށް އަލިފާން ފެތުރުމުގެ ކުރިން، އަލިފާން ނިއްވާ ފަރާތްތަކުން ވަނީ އަލިފާންގަނޑު ނިންވާލާފަ އެވެ.

ފަޔާ އިންވެސްޓިގޭޓާސް ބިއުރޯއިން މިހާރު ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދުވަސްވެފައިވާ ބިލްޑިންގްތަކާއި، އަލިފާނުން ރައްކާތެރިވާނެ ގޮތްތައް ނެތުމަކީ ފިލިޕީންސްގައި ގިނަ އަދަދެއްގެ އަލިފާނުގެ ހާދިސާތަކަށް މަގު ފަހިވާ ކަމެކެވެ.

ފިލިޕީންސްގެ ކްލަބެއްގައި 1996ގައި ހިނގާ ދިޔަ ހާދިސާއެއްގައި 162 މީހަކު ވަނީ މަރުވެފައެވެ. ސްކޫލް ދައުރުގެ ނިމުން ފާހަގަ ކުރަން ތިބި ގިނަ ކުދިން މަރުވި އެ ހާދިސާ އަކީ ދުނިޔޭގައި ހިނގައިދިޔަ އެފަދަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެކެވެ.