31 Oct 2015, 15:57
ބާސެލޯނާއާ ބްރަޒިލްގެ ފޯވަޑް ނޭމާ ޑަސިލްވާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔެއްގެ ކިބައިގައި ހުރި ފުރިހަމަ ކަމެއް ނޭމާގެ ކިބައިގައި ނެތް ކަމަށް ބްރަޒިލް އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ ޕެލޭ ބުނެފިއެވެ.
ބްރަޒިލްގެ ކުޅިވަރު ނޫހެއް ކަމަށްވާ ޕަލަކާގެ ނޮވެމްބަރު މަހުގެ އަދަދަށް ދިން އިންޓަވިއުގައި ޕެލޭ ބުނީ ނޭމާއަކީ އެޓޭކިން ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް ނޭމާގެ ކިބައިގައި ޑިފެންސިވް ރޯލެއް އޮގަނައިޒުކޮށް ކުޅުމުގެ ސްޓައިލް އެއްވަރެއްގައި ހުރިތޯ ސުވާލު އުފެދޭ ކަމަށެވެ.
"ނޭމާ އަކީ އެޓެކީން ކުޅުންތެރިޔެއް. އެމަގާމުގައި އޭނާ ދަނީ ކުރިއަށް. އެމަގަމުގައި އޭނާއަކި ޚާއްސަ ކުޅުންތެރިޔެއް. ޑިފެންސިވް ކުޅުމެއް ކުޅޭނަމަ އޭނާއަށް ރަގަޅަށް އޮގަނައިޒުކޮށްގެން ބޯޅަ ނުކުޅެވޭނެ." މިއަންނަ މަހު ނިކުންނަން ހަމަޖެހިފައިވާ ޕަލަކާގެ އަދަދަށް ދިން އިންޓަވިއުގައި ޕެލޭ ބުންޏެވެ.
މިއަހަރު އުމުރުން 75 އަހަރު ފުރުނު ޕެލޭ ބުނީ 1950 ގެ އަހަރުތަކުގައި ސަންޓޯސްއަށް ކުޅުނު ވެސްކޮންސޭލޫސްވެސް ނޭމާއަށްވުރެ ދިހަ ގުނަ މޮޅު ކަމަށެވެ.
ކުރިން ބްރެޒިލްގެ ގައުމީ ޓީމުން ފެނުނު މޮޅު ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރު ތަކުގެ ތެރެއިން ނޭމާގެ ކިބައި ނެތީ ކޮން ކަންތައްތަކެއްތޯ ސުވާލު ކުރުމުން ޕެލޭ ބުނީ އެއީ އަޅައި ކިޔަން އުނދަގޫ ކަމެއް ކަމަށެވެ. މިވަގުތު ބްރެޒިލްގެ ގައުމީ ޓީމުގެ ތިބި ކުޅުންތެރިންގެ ތެރެއިން ހުނަރުގެ ގޮތުންވެސް އެންމެ މޮޅު ކުޅުންތެރިޔަކީ ނޭމާ ކަމަށް ވުމުން އަޅައިކިޔަން އުނދަގޫ ކަމަށް ޕެލޭ ބުންޏެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ލިއޮނަލް މެސީ ކަމަށާއި އޭނާގެ ކުޅުން އެންމެ ވައްތަރީ އާޖެންޓީނާގެ ރަންޒަމާނުގެ ކުޅުންތެރިޔާ ޑިއޭގޯ މެރަޑޯނާގެ ސްޓާއިލާ ކަމަށް ޕެލޭ ބުންޏެވެ.
ނަމަވެސް މެސީއަކީ ބޮލުން ޖަހަން އެހާ މޮޅު ކުޅުންތެރިޔެއް ނޫން ކަމަށާއި އަދި ދެފައިން އެއްވަރަށް ކުޅެވޭ ކުޅުންތެރިޔެއްވެސް ނޫންކަމަށް ޕެލޭ ބުންޏެވެ.
"އަހަރެން އަބަދުވެސް ބުނަން މި ދިހަ އަހަރު ތެރޭގައި ދުނިޔެއިން ފެނުން އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ އޭ. ނަމަވެސް މިސާލަކަށް މެސީއަކީ އަންނަ ބޯޅަ ބޮލުން ޖަހަން އެންމެ މޮޅު ކުޅުންތެރިޔާއެއް ނޫން. އަދި ދެފައިން އެއްވަރަށް ކުޅެން މެސީ ފަރިތައެއް ނޫން. އޭނާ ބޮޑަށް ބޭނުން ކުރަނީ ވާތު ފައި،" ޕެލޭ ބުންޏެވެ.
ޕެލޭ ބުނީ "ކުޑަ ދުވަސް ކޮޅެއް" ކުރިން ރޮނާލްޑޯއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އަދި އޭނާގެ ކުޅުން އެންމެ ގުޅެނީ ކުރިން ދުނިޔޭގެ އެއް ވަނަ ފުޓުބޯޅަ ކުޅުންތެރިޔާ ބްރަޒިލްގެ ރޮނާލްޑޯ ނަޒާރިއޯގެ ކުޅުމާ ކަމަށެވެ.
ނަމަވެސް ރޮނާލްޑޯއަށް ވުރެ ބުރެޒިލްގެ ރޮނާލްޑޯގެ ސްޕީޑް އަވަސް ކަމަށް ޕެލޭ ބުންޏެވެ.