ދައުލަތުގެ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ލީކުވުމާ ގުޅިގެން ސަރުކާރަށާއި ސަރުކާރު ހިންގާ ޕާޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަރަށް ބޮޑު "ބަދުނާމެއް" ތަހަމަލުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެ އަމަލު ހިންގެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެންވޯއި ފޯ ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފައި ހުންނެވި އަހްމަދު ޝަފީގު )ސައްޕެ( ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ސަން އަށް މައުލޫމާތު ދެއްވަމުން ސައްޕެ މިއަދު ވިދާޅުވީ، އެ މަންޒަރުތަކުން ފެންނަ ބޭފުޅުންނާ މެދު ސަރުކާރުން ވަކި އެއްޗެއް ބުނެފައިނުވި ނަމަވެސް، އެބޭފުޅުންގެ ސަބަބުން ސަރުކާރަށާއި ޕާޓީއަށާއި ރައީސުލްހުމްހޫރިއްޔާއަށާއި ހުރިހާ އެންމެންނަށް ވެސް ވަރަށް ބޮޑު ބަދުނާމެއް، ތަހައްމަލުކުރަން ޖެހޭކަން އެބޭފުޅުން އަމިއްލައަށް ވިސްނިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

"އެބޭފުޅުންނަށް އެނގޭނެތާ އެބޭފުޅުން އެކަހަލަ ކަމެއް ކުރި ކަމަށްވަންޏާ. އެހެންވެއްޖެއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިޚުލާސްތެރިގޮތަކީ، އަޅުގަނޑުމެންނާއި ޕާޓީ އާއި ޕާޓީގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބަދުނާމުނުވާނެ ގޮތަށް އެމީހަކު އެކަން އަމިއްލަ އަށް ދަނެގެން އެއްކައިރިވުން،" ސައްޕެ މިއަދު ވިދާޅުވި އެވެ. އަދި ސައްޕެ ވިދާޅުވި އެވެ؛ "ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. އެކަމަކު އެކުށުގެ އުނދަގޫ އެންމެނަށް ވެގެންނުވާނެއޭ އަޅުގަނޑު ދަންނަވާނީ،"

ސައްޕެ ވިދާޅުވީ، ދައުލަތުގެ އިސްވެރިންތަކެއްގެ ބަރަހަނާ މަންޒަރުތައް ރެކޯޑުކޮށް، އެ ލީކުކޮށްލި މައްސަލައަކީ ވަރަށް "އާދަޔާ ޚިލާފު" މައްސަލައެއް ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެހެން ކުރިއަރައިފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި އެފަދަ މައްސަލަތައް ފެންމަތިވުމުން، ތުހުމަތު ކުރެވޭ ސިޔާސީ ފަރާތްތަކުން އެތުހުމަތުތަކުން ސަލާމަތްވެވެންދެން އިސްތިއުފާދެއްވާ ކަން ސައްޕެ ފާހަގަކުރެއްވި އެވެ.

އަދި ރައީސް އޮފީހާއި އަދި އަތޮޅުތެރޭގެ ސަރުކާރު އިދާރާތަކަށް ރައީސް އައްޔަންކުރައްވައިފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންކޮޅެއް ކަމަށް ބެލެވޭ ބަޔެއްގެ ބަރަހަނާ މަންޒަރުތަކެއް އާއްމުވެފައިވާ އިރު، އެއިން ބޭފުޅަކާމެދު ރައީސް ފިޔަވަޅެއް ނާޅުއްވައި މައްސަލައާ ގުޅޭ ގޮތުން ސައްޕެ ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އެކަމާ ފިޔަވަޅެއް އެޅުއްވުމާއި ނޭޅުއްވުމަކީ އެބޭފުޅާގެ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމެއް" ކަމަށެވެ.

ނަމަވެސް، އަހުލާގީ ފެންވަރު އެހާ ދަށްވާނީ "ސިޔާސީ ގޮތުން ނުކުޅެދޭ" ބަޔެއްގެ ކަމަށް ވެސް، ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ސައްޕެ ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް އެ ސަރުކާރަށް އޭރު ފާޑުވިދާޅުވަމުންގެންދެވި ސައްޕަ، ބަރަހަނާ މަންޒަރުތަކުގައި ޝާމިލުވާ ސިޔާސީ ފަރާތްތައް އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މިއަދު ވާހަކަ ދައްކަވައިފައިވާއިރު، އަދި މިހާތަނަށް އެ މަންޒަރުތަކުން ފެންނަ އެއްވެސް ދައުލަތުގެ އިސްވެރިޔަކާ މެދު ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އަދި އެ މަންޒަރުތައް ބޭނުންކޮށްގެން އެބޭފުޅުން ބްލެކްމެއިލްކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ބަރަހަނާ މަންޒަރުތަކުން ފެންނަ ބައެއްގެ މައްޗަށް ކުރާ ތަހުގީގާ ގުޅޭ ގޮތުން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ މަންޒަރުތައް އެޑިޓްކޮށް، ފޭސްބުކާއި ޔޫޓިއުބް ފަދަ އެކި ސޯޝަލް ވެބްސައިޓުތަކުގައި އާއްމުކުރުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ، އެކަމުގައި ޝާމިލުވާ ސަރުކާރުގެ އިސްވެރިންނާއި މުޖުތަމައުގެ އެކިފަންތީގެ މީހުންނަކީ ކޮބައިކަން އެނގޭ ހިސާބަށް މައްސަލަ ތިލަވެފަ އެވެ.