31 Oct 2015, 15:25
އިސްލާމިކް ސްޓޭޓް (އައިއެސް)އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ ޚާއްސަ ފައުޖުތައް ސީރިއާ އަށް ފޮނުވުމަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ ނިންމަވައިފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާނަސްޓް އިއްޔެ ވިދާޅުވީ އެމެރިކާގެ ސިފައިން ފޮނުވަނީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަށް ތަމްރީނުކުރުމަށާއި އެމީހުންނަށް ލަފާ ދިނުމަށާއި އެހީތެރިކަން ފޯރު ކޮށް ދިނުމަށް ކަމަށެވެ.
"ސީރިޔާ އަކީ ނުރައްކާތެރި ތަނެއް. އެ ގައުމަށް ސިފައިން ފޮނުވުމަކީ ސިފައިން ނުރައްކަލަށް ހުށައެޅިގެން ދާނެ ކަމެއް،" އާނެސްޓް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ސިފައިން ހަނގުރާމައިގައި ސީދާ ބައިވެރި ނުވާނެ ކަމަށެވެ. ނަމަވެސް އިތުރު ސިފައިން ކުރިއަށް އޮތް ތަނުގައި ފޮނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދަޅުވި އެވެ.
އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ސީރިއާގައި ތިބި މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ތަމްރީނުކޮށް ހަތިޔާރު ފޯރުކޮށް ދިނުމަށް މަސައްކަތްކޮށްފަ އެވެ.
ރަޝިއާ އާއި އިރާން އިން ދަނީ ސީރިއާގެ މިހާރުގެ ރައީސް ބައްޝާރު އަލް އައްސަދާ ގުޅިގެން އޭނާގެ ސަރުކާރާ ދެކޮޅު ފަރާތްތަކަށް ހަމަލާ ދެމުންނެވެ.
ރަޝިއާ އިން ބުނެފައިވާ ގޮތުގައި ރަޝީއާގެ ސިފައިން ހަމަލާ ދެނީ ހަމައެކަނި އައިއެސްގެ މެމްބަރުންނަށެވެ. ނަމަވެސް ރަޝިއާގެ ވައިގެ ހަމަލާތަކުގެ ސަބަބުން ސީރިއާގެ އެތައް އާންމުންނެއް ވަނީ މަރުވެފަ އެވެ.