ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިިދާގެ ގޮތުގައި 28.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 41 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ އިރު ދެވަނަ ކުއާޓާގެ ފައިދާ ވަނީ 45 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. ތިން ވަނަ ކުއާޓާގެ ސާފުފައިދާ ބޮޑުތަން ދަށްވެ އެއަދަދު އެވަނީ 28.7 މިލިއަނަށް ދަށްވެފަ އެވެ.

މިދިޔަ ކުއާޓާގައި އެމްޓީސީސީ އަށް ހިންގުމުގެ ހަރަދުގެ ގޮތުގައި 38 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ އިރު ފައިނޭންސް ކޯސްޓަކަށް ހަރަދުވެފައިވަނީ ފަސް މިލިއަން ރުފިޔާ އެވެ. އެއާ އެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 33 މިލިއަން ލިބިފައިވެ އެވެ.

މިދިޔަ ކުއާޓާގައި އެކުންފުނީގެ ފަރާތުން މިނިވަން 50 ހާއްސަ ހަރަކާތްތަކެއް ހިންގާފައިވާ ކަމާއި ތިން ވަނަ ކުއާޓާގައި ކުރިއަށްގެންދިޔަ ޕުރޮޖެކްތްތަކަކީ ފައިދާ ކުޑަކޮށް ހަވާލުވި ޕުރޮޖެކްޓް ތަކެއްކަން އެމްޓީސީސީން ފާހަގަކުރެ އެވެ.