ހދ. ދިއްދޫގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަނުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދިއްދޫ ރަށު ކައުންސިލްގެ ރައީސް އިބުރާހީމް ސިނާން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ދިއްދުއަށް ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ފަސް ގެއަކަށް ފެންވަދެފައިވާ ކަމަށެވެ.

ދިއްދުއަށް ވާރޭ ވެހި ، ފެންބޮޑުވެފައި ވާތީ ގެއެއްގެ ދޮރުމަތީ ވެލި ބަސްތާ ޖަހަނީ.

"... ފަސް ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނަށާއި ފަރުނީޗަރަށް ވަނީ ގެއްލުންތައް ވެފައި. ގާތްގަނޑަކަށް އެއް ފޫޓަށް ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ރަށު ތެރެއިން ފެން ހިންދުމަށާއި ގޭގެއަށް ފެން ވަނަ ނުދިނުމަށް ޓަކައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ރަށު ކައުންސިލާއި ދިއްދޫގައި ތިބޭ ފުލުހުންނާއި ރަށުގެ ބައެއް ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތަކުން ފެންގަނޑު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.

ދިއްދުއަށް އަދި ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ދެކުނު އޭޝިއާ ސަރަހައްދަށާއި ރާއްޖެ އަށް މި އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހު ވާރޭ ވެހޭނެ ކަމަށް ލަފާ ކުރާ ގޮތުގެ ޗާޓެއް އެ އިދާރާ އިން ވަނީ މިމަހުގެ 18 ވަނަ ދުވަހު އާއްމުކޮށްފަ އެވެ. އެ ޗާޓާ އެކު އާއްމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ރާއްޖެ އަށް ބައެއް ފަހަރު އާދައިގެ ވަރަކަށް އަދި ބައެއް ފަހަރު އާދައިގެ ވަރަކަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.