ސޯޝަލް މީޑިއާތަކުގައި ސިޔާސީ ޕޯސްޓުތައްކުރާ ފުލުހުންނާ މެދު ފިޔަވަޅުއަޅާނެ ކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފި އެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ފުލުހުންނަށް މަނާކަމެއްކަން ހަދާން ކޮށްދިނުމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ސޮއިކޮށް ފުލުހުންގެ ޑިޕާޓްމަންޓްތަކަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ސިޔާސީ ޕޯސްޓްތައްކޮށް، ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައި ހުންނަ ސިޔާސީ އެކިއެކި ލިޔުންތަކާއި ފޮޓޯތަކަށް ކޮމެންޓްކޮށް ލައިކްދީ، ޝެއާކޮށް އަދި ރީޓުވީޓް ކުރާ ފަރާތްތަކާ މެދުގައްޔާއި އެފަދަ ލިޔުންތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ޝާއިއު ކުރާ ފަރާތްތަކާ މެދު މިކޮމާންޑުން ފިޔަވަޅު އަޅަމުން ގެންދާނެކަން މިސާވިސްގެ މުވައްޒަފުންގެ މައުލޫމާތަށް ޓަކައި ދެއްނެވީން." ފުލުހުން ނެރެފައިވާ ލިޔުމުގައި ބުނެފައިވެ އެވެ.

އެލިޔުމާ ގުޅޭ ގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އެއުސޫލަކީ އަބަދުވެސް އަމަލު ކުރަމުންދާ އުސޫލް ކަމަށާއި އެގޮތަށް އެންގުމެއް އެންގީ އެފަދަ ކަންކަން އިތުރުވަމުންދާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.