ޓެރަރިޒަމަށް ވާގިދޭ އެއްވެސް ކަމެއްގައި ރާއްޖޭގެ ޒުވާނުން ބައިވެރި ނުވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ޔޫތު ވިންގުން މިއަދު ގޮވާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބުދުﷲ ރިފާޢު ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް މިހާރު ވަރުގަދަކޮށްފައި ކަމަށާއި އެހެންވީމާ ޓެރަރިޒަމަށް ވާގިދޭ ކަމެއް ކޮށްފި ނަމަ އެމީހަކަށް ހަރުކަށި އަދަބު ލިބިގެންދާނެ ކަމަށެވެ.

"... ޓެރަރިޒަމަށް ވާގިދޭ އެއްވެސް ކަމެއްގެ ތެރެއަށް މީހަކު ފެތިއްޖެ ކަމަށް ވަންޏާ އެގާނޫނުން އެ ލިބިދޭން ޖެހޭ ހަރުކަށި އަދަބު ލިބިގެންދާނެ. މިފެށޭ މަހުގެ ހަވަނަ ދުވަހު އެމްޑީޕީގެ ފަރާތުން އަނެއްކާވެސް ހަރަކާތެއް ރާވަމުންދާ ވާހަކަ މީޑިއާތަކުން ދަނީ ގޮވަމުން. އެހެންވީމާ އެހަރަކާތުގައި ވެސް ރާއްޖޭގެ އެއްވެސް ތަނަކަށް ގެއްލުންވާ ފަދަ ގޮތަކަށް ، އެއްވެސް މީހަކަށް ގެއްލުންވާ ފަދަ ގޮތަކަށް ، ޓެރަރިޒަމަށް ވާގިދޭ ގޮތަކަށް އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން. އެއީ އަދި އަޅުގަނޑުމެން ޕާޓީއަށް ތާއީދު ކުރާ ބައެއް ކަމުގައި ވިޔަސް، ތާއީދު ނުކުރާ ބައެއް ކަމުގައި ވިޔަސް." ރިފާއު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗަށް މިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ދިން ހަމަލާއާއި ނައިބު ރައީސް އަހުމަދު އަދީބު އެ މައްސަލައިގައި ހައްޔަރު ކުރި ކުރުމާއި ބެހޭ ގޮތުން ވެސް އޭނާ ވާހަކަފުޅު ދެއްކެވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ލިބިގެންދާ ކޮންމެ ދެރަޔަކީ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދީބު ހައްޔަރު ވިޔަސް ޒުވާނުންނަށް ޓަކައި ހިންގާ މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"... އެހެންވީމާ އަޙުމަދު އަދީބު ހައްޔަރުވިކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ކުރިއެރުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަން އަޅުގަނޑުމެންނަށް ޔަގީން،" އޭނާ ވިދާޅުވިއެވެ.

އަދީބު ޕީޕީއެމުން ވަކި ކުރުމާ ގުޅިގެން ޕީޕީއެމުން ޒުވާނުން ކެނޑެމުންދާ ކަމަށް އަޑު ފެތުރޭ ކަމަށާއި އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.

"... ވިޔަފާރި އުސޫލުން ޕާޓީއަށް ވަދެފައި ތިބި ބަޔަކު ވިޔަފާރި އުސޫލުން ޕާޓީން ބޭރު ނުވާނެޔެކޭ އަޅުގަނޑު ނުދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް ތާއީދު އިތުރު ކުރުމަށް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން ' އައި ސަޕޯޓް ރައީސް ޔާމީނު' ގެ ނަމުގައި ވެބްސައިޓެއް ލޯންޗްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.