31 Oct 2015, 14:32
ޗެލްސީގެ ކޯޗް ކަމުގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑު ނުވާކަމަށާއި އަދި ކުރިމަގާ މެދުވެސް ކަންބޮޑުވުމެއް ނެތްކަމަށް ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި މިއަދު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން މީޑއާގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޗެލްސީގެ ކޯޗް ކަމުގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑު ނުވާ ކަމަށާއި ދުވަހެއްގެ އެންމެ ސިކުންތެއްވެސް އެކަމާމެދު އޭނާ ނުވިސްނާ ކަމަށެވެ.
"ވަޒީފާއާ މެދު އަހަރެން އެއްވެސް ކަންބޮޑުވުމެއް ނެތް. އަހަރެންގެ ކުރިމަގާ މެދުވެސް އަހަރެން ކަންބޮޑުވުމެއް ނެތް. ދުވަހެއްގެ އެންމެ ސިކުންތެއްވެސް އެކަމާ ވިސްނާކަށް އަހަރެން ހޭދައެއް ނުކުރަން،" މޮރީނިއޯ ބުންޏެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން މޮރީނިއޯ ބުނީ ފެންނަ ފެނުމަށް އެސުވާލު އެކުރަނީ އެކަމާ ގުޅިގެން އޭނާ ޕްރެޝަރަށް ވައްޓާލުމަށް ކަމަށާއި ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށެވެ.
ކުރިމަގާ ބެހޭގޮތުން ޗެލްސީގެ ބޯޑުން ނުވަތަ އެޓީމްގެ ޗެއާމަން ރަޝީއާގެ ބިލިއަނަރު ރޯމަން އަބްރޮހޮމަވިޗްގެ ފަރާތުން އެއްވެސް އިންޒާރެއް އައިތޯ ސުވަލު ކުރުމުން މޮރީނިއޯ އެކަމަކާ އެއްޗެއް ނުބުނެއެވެ.
ނަމަވެސް ވަޒީފާގެ ދެމިހުރެވޭނެ ކަމުގެ ގެރެންޓީ އޮތްތޯ ސުވަލުކުރުމުން ނޫސްވެރިންނަށް އަމާޒުކޮށް މޮރީނިއޯ ބުނީ "ކަލޭމެންނަށް އެކަން އެނގެން ނުޖެހޭ" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއަދު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީ ބަލިވެއްޖެނަމަ އެޓީމުގެ ކޯޗް ކަމުން މޮރީނިއޯ ވަކި ކުރާނެއެވެ.
ޗެލްސީއާ ލިވަޕޫލް ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:45 ގައެވެ.