31 Oct 2015, 14:18
ސީރިއާގެ ވެރިރަށް ދިމިޝްގު ކައިރީގައި ހުރި މާރުކޭޓަކަށް އިއްޔެ އެ ގައުމުގެ އަސްކަރިއްޔާ އިން ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން 57 މީހަކު މަރުވެފައިވާ ކަމަށް ސީރިއާގެ ހަމާލަތަށް މޮނީޓަރު ކުރާ ފަރާތުން ބުނެފި އެވެ.
މި ހަމަލާއަކީ ސީރިއާގެ ރައީސް ބައްޝާރު އަލް އައްސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްރަކުން ދިން ހަމަލާއެކެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ މޮނީޓަރު ކުރަމުންދާ ސީރިއާގެ އޮބްޒާވެޓޮރީ ފޯ ހިއުމަން ރައިޓުސް އިން ބުނި ގޮތުގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ދިމިޝްގު ކައިރީގައި އޮންނަ ދޫމާ އަށް 12 މިސައިލް ހަމަލާ ދީފަ އެވެ.
މީގެ އިތުރުން ސީރިއާގެ އުތުރުގައި އޮންނަ އަލެއްޕޯ އަށް އިއްޔެ ހަވީރު ދިން ވައިގެ ހަމަލާތަކުގެ ސަބަބުން 20 މީހަކު މަރުވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.
ފަހަކަށް އައިސް ދޫމާ ވެފައިވަނީ ސީރިއާގެ އަސްކަރިއްޔާ އިން ދޭ ގިނަ ހަމަލާތަކުގެ އަމާޒަކަށް ވެފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ހަމަލާދޭ ފަރާތްތަކަށެވެ.
ދޫމާގެ ގިނަ ރައްޔިތުން ވަނީ ހަތަރު އަހަރު ވެފައިވާ ސީރިއާގެ ހާރިޖީ ހަނގުރާމައިން ސަލާމަތްވުމަށް ދޫމާއިން ހިޖުރަ ކޮށްފައެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 250،000 މީހުން ވަނީ މަރުވެފަ އެވެ. އަދި 10 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ މީހުންގެ ގެތަކުން ނެރެލާފަ އެވެ.
ސީރިއާގެ ސަރުކާރާ އިދިކޮޅު ފާރާތްތަކާ މެދު ސުލްހަ ކުރުމަށް އެމެރިކާ އާއި ރަޝިޔާއިން އިސްނަގައިގެން ސުލްހައިގެ ވާހަކަތައް ދެއްކުމަށް ހުކުރު ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާ ގައި ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ދެ ހަފްތާ ފަހުން އަނެއްކާވެސް ބައްދަލުވުމެއް ބާއްވާނެ އެވެ.