31 Oct 2015, 11:01
ނޭޕާލަށް ކުރިއްސުރެ ތެޔޮ ވިއްކަމުން އައި އިންޑިއާއިން ސިޔާސީ ކަމަކާ ހެދި ދަތި ކުރުމުގެ ފިޔަވަޅު އަޅަމުން ދާތީ ޗައިނާއިން ތެޔޮގަތުމަށް ނޭޕާލުން ނިންމައިފި އެވެ.
އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ނޭޕާލު ސަރުކާރުން މިހަފްތާގައި އޮފިޝަލުންތަކެއް ޗައިނާއަށް ފޮނުވައި، ތެޔޮ ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ނޭޕާލް އޮއިލް ކޯޕަރޭޝަންގެ އޮފިޝަލެއްކަމަށްވާ ދީޕަކް ބަރާލް އޭޕީއަށް ބުނެފައިވާ ގޮތުގައި ތެޔޮ ގަތުމާ ބެހޭ ގޮތުން ޗައިނާ ނެޝަނަލް ޔުނައިޓެޑް އޮއިލް ކޯޕަރޭޝަނާ އެކު އަދި ސޮއިކޮށްފައި ވަނީ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން ( އެމްއޯޔޫ) އެއްގައެވެ. ތެޔޮ ގަންނާނެ މިންވަރަކާއި އަގަކާ ބެހޭ ގޮތުން އަދި ގޮތެއް ނުނިމޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ޗައިނާއިން ގަވައިދުން ނޭޕާލަށް ތެޔޮ ސަޕްލައި ކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ނޭޕާލަށް މީގެ ކުރިން ތެލާއި ގޭސް ގަންނަމުން ދިޔައީ ހަމަ އެކަނި އިންޑިއާއިންނެވެ. އިންޑިއާ އިން ނޭޕާލަށް ތެޔޮ އެތެރެ ކުރުމުގައި މައްސަލަތައް ފުރަތަމަ ކުރިމަތިވީ އިންޑިއާގެ ހަމްދަރުދީ ލިބޭ މަދޭސީން ނޭޕާލްގައި މުޒާހަރާކޮށް، އިންޑިއާއާ ނެޕާލް ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކުރާ ބައެއް ތަންތަން ބަންދުކުރުމުންނެވެ. އެ މުޒާހަރާތަކުގައި ބައެއް ތަންތަން ބަންދުކުރި ނަމަވެސް ހުޅުވާފައިވާ މަގުތަކުން ވެސް ނޭޕާލަށް ތެޔޮ ސަޕްލައި ކުރުން އިންޑިއާއިން އޭރު ހުއްޓައިލި އެވެ. އެކަމާ ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ.
މަދޭސީން ނޭޕާލްގައި މުޒާހަރާ ކުރީ އެގައުމުގެ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުންނެވެ. އެމީހުން ދެކޭ ގޮތުގައި އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން އެމީހުންނަށް ބައެއް ހައްގުތައް ގެއްލެއެވެ.