އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އަންނަ ޑިސެމްބަރު 31ގެ ނިޔަލަށް އިތުރުކޮށް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު މުޙައްމަދު ހުސައިން (އޮއިއްޓޭ)ގެ ބަދަލުގައި ގައުމީ ޓީމްގެ ފިޒީޝަން އަހްމަދު ޝަކީބު ކޮމިޓީގެ ވައިސް ޗެއާމަން ކަމަށް ފީފާ އިން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެފްއޭއެމްގެ ދައުރުގެ މުއްދަތު އިތުރު ކުރިކަމަށް ނިންމައި ފީފާ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޮއިއްޓޭ ކޮމިޓީ އިން ބާކީކޮށް ޝަކީބު ކޮމިޓީގެ މެންބަރު ކަމަށް ހަމަޖައްސައި އަދި އޭނާއަކީ ކޮމިޓީގެ ނައިބު ކަމަށް ފީފާގެ އިމަޖެންސީ ކޮމިޓީ އިން ހަމަޖައްސާފައިވާ ކަމަށެވެ.

ނޮމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަންގެ މަގާމުގައި ކުރިން ހުރި، ޢަބްދުލް ހަމީދު ޢަބްދުލް ޣަފޫރު (އައްޑޯ)ގެ ބަދަލުގައި އެ މަގާމު ދިނީ ޝަކީބަށެވެ. ނަމަވެސް ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި އައްޑޯ ހުންނާނެ ކަމަށް ފީފާ އިން ބުންޏެވެ.

އޮއިޓޭ ކޮމިޓީ އަށް ހަމަޖެއްސީ މި އަހަރު ކުރީ ކޮޅު އެވެ. އެއީ މިދިޔަ އަހަރު ފީފާ އިން އެކުލަވާލި ނޯމަލައިޒޭޝް ކޮމިޓީގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ނިޒާމް (ނިޒާމްބެ) ޓީސީ ސްޕޮޓްސް ކްލަބުގެ ކޯޗް ކަމާ ހަވާލުވުމަށް ނޯމަލައިޒޭޝަން ކޮމިޓީ އިން އިސްތިއުފާ ދިނުމުންނެވެ.

އޮއިއްޓޭ ނޯމަލައިޒޭޝަން ކޮމިޓީ އިން ބާކީކޮށްފައި ވަނީ ރިޔާސީ ލޯންޗު 'ފިނިފެންމާ'ގައި ހިނގި "ބޮން ގޮއްވުމުގެ" ހާދިސާގެ ތުހުމަތުތަކާ ގުޅިގެން އޮއްޓޭ ދިރިއުޅޭ ގ. އޮއިވާލި ފުލުހުން ބަލައި ފާސްކޮށްފައި ވަނިކޮށެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ޑިސެމްބަރު 31 އަށް އިތުރު ކުރި އިރު، ފީފާގެ ބަޔާނުގައި ވަނީ މިމަހު ބާއްވަން ހަމަޖެއްސި އިންތީޚާބު ޑިސެމްބަރު މަހު 31ގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ.