31 Oct 2015, 10:12
ހަކުރު ކެއުން މަދުކުރުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއްކަން ދިރާސާތަކުން ވަރަށް ގިނައިން ހާމަވެފައިވެ އެވެ. އަދި ހަކުރު ކެއުން މަދުކޮށްލުމުން ފަލަވުން ކުޑަކޮށްދޭކަން ވެސް ކަށަވަރުވެފައިވެ އެވެ.
އެހެންކަމުން ދުވާލެއްގެ މައްޗަށް ހަކުރު ކާން ޖެހޭ މިންވަރަކީ ކޮބައިބާވަ އެވެ؟ މިއީ ވަރަށްގިނަ ބަޔަކު ކުރާ ސުވާލެކެވެ. ޖަރުމަނުގެ ނޯތް ރެއިން ސްޓޭޓާއި ވެސްޓްފާލިޔާގައި ކުރި ދިރާސާތަކެއް ބުނާގޮތުން ހަކުރުބަލިޖެހިފައިވާ މީހަކު ނޫނީ ދުވާލެއްގެ މައްޗަށް ސައި ސަމުސާގެ 12 ސަމުސާ ހަކުރުގެ ބޭނުން ކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް މިވަރަށް ހަކުރު ބޭނުންކޮށްފައި ދެން އިތުރަށް ފޮނިކާތަކެތި އެދުވަހު ކެއުން ރަނގަނޅެއްނޫނެވެ. ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔޫއެޗްއޯ) އިން ވެސް މި ދިރާސާ ގަބޫލުކޮށް މިއަށް އިތުބާރު ކުރެ އެވެ.
ބާރަ ސަމުސާގެ ހަކުރު ބޭނުންކުރުން ރަނގަނޅުވަނީ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ދެހާސް ކެލަރީސް މިންވަރަށް ކާތަކެތި ނޫނީ އެއަށް ވުރެ މަދުން ކާމީހުންނަށެވެ. އެއަށްވުރެ ގިނަ ކެލަރީސް ގެ މިންވަރަށް ކާމީހުން ބޭނުންކުރަން ރަނގަނޅީ އަށް ސަމުސާއާއި އާއި 10 ސަމުސާގެ ހަކުރުކަމަށް ވެސް ވެސްޓްފާލިޔާގެ ދިރާސާއިން ދައްކަ އެވެ. ހަކުރު ކެއުން މަދުކުރުމަކީ ހަކުރުބަލިން ސަލާމަތް ވުމުގެ ފުރްސަތު ބޮޑުކަމެކެވެ. އަދި އެއީ ދަތްތައް ހަލާކުވުން ވެސް ކުޑަކޮށްދޭ ކަމެކެވެ.
ހަކުރުގެ ބާވަތްތަކުގެ ތެރޭގައި ސުކަރޯޒް (ދޯބުރާލި ހަކުރު) ގެ އިތުރުން ލެކްޓޯޒް (ކިރުގައި ހުންނަ ހަކުރު)، ފްރެކްޓޯޒް (މޭވާގައި ހުންނަ ހަކުރު) މާލްޓޯޒް (ގޮދަނާއި ފުށުގައި ހުންނަ ހަކުރު) ޑިކެސްޓްރޯޒް (މޭބިސްކަދުރުގައި ހުންނަ ހަކުރު) އަދި ގުލްކޯޒް (ކުރުނބާގައި ހުންނަ ހަކުރު) ހިމެނެ އެވެ. ހަކުރު ކެއުން މަދުކޮށްލުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ދަޅުގައި ހުންނަ މޭވާގެ ބަދަލުގައި ތަޒާ ވޭމާ ބޭނުންކުރުމާއި ތައްޔާރީ ޔޯގަޓްގެ ބަދަލުގައި ގޭގައި ތައްޔާރުކުރާ ޔޯގަޓް ބޭނުން ކުރެވިދާނެކަމަށް މިދިރާސާ ބުނެ އެވެ. ދުވާލެއްގެ މައްޗަށް ބޭނުންކުރާ ހަކުރު ވިރުވާލުމަށް ދުވާލަކު މަދުވެގެން 30 މިނިއްޓު ހިނގަންޖެހޭ ކަމަށާ މިގޮތަށް ކޮންމެ ދުވަހަކު 30 މިނިޓުގެ މިންވަރަށް ކަސްރަތު ކުރާނަމަ ނުވަތަ ހިނގާނަމަ ހަކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވާނެ ކަމަށް ވެސް މިދިރާސާ ބުނެއެވެ. (ޖަރުމަނު ނޫސްއެޖެންސީ)