31 Mar 2011, 18:07
ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ސާކްގެ މިދައުރުގެ ޗެއާމަންގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ މިއަދު ހެނދުނު މާލެ ވަޑައިގަތުމުން، މާލެއިން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފައި ވެއެވެ.
މާލެއަށް އެމަނިކުފާނު ފައިބާވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، މާލޭގެ މޭޔަރ އާދަމް މަނިކެވެ. އަދި މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން ބޫޓާނުގެ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ.
ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރުޙަބާ ދެންނެވުމުގެ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާނުގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް ވެސް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ބޫޓާނާ ދެގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ބޫޓާނުގެ ބޮޑުވަޒީރުގެ ޝަރަފްގައި ބޭއްވުނު އޮނަރގާޑެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
މިރަސްމިއްޔާތަށްފަހު، ބޫޓާނުގެ ބޮޑުވަޒީރު ރަސްމީ ފާލަމުން ހިންގަވާފައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަރިހުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަޑައިގެންނެވި އެވެ.