31 Oct 2015, 11:54
ޓީސީ ސްޕޯޓްސް ކުލަބު ދެން ކުޅެން ޖެހޭ މެޗުން ފެށިގެން ފެންނާނީ ތަފާތު ޓީސީއެއް ކަމަށާއި ދެން ވާދަ ކުރަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަނަށް ކަމަށް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އިއްޔެ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީއިން މިސީޒަނަށް ކަނޑައެޅި ޓާގެޓް ހާސިލުވެއްޖެ ކަމަށާއި މިހާރު ޓީސީ ކުޅޭ މެޗްތަކުން ހޯދަމުންދާ ޕޮއިންޓް ތަކަކީ 'ބޯނަސް' ޕޮއިންޓްތައް ކަމަށެވެ.
ލީގް ތާވަލްގައި މިވަގުތު ދެ ވަނައިގައި އޮތް ޓީސީއިން ޓާގެޓެއްގެ ގޮތުގައި މިސީޒަނަށް ކަނޑައެޅި ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށެވެ.
ނިޒާމްބެ ބުނީ އިއްޔެގެ މެޗާ ހަމަޔަށްވެސް ޓީސީއިން ލީގް ޗެމްޕިއަންކަމާ މެދު ނުވިސްނާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް މެޗުން ފެށިގެން ޓީސީ ދެން ވާދަ ކުރަނީ ލީގަށް ކަމަށެވެ.
"ޓީސީ މިހަރު ކުޅެމުން މިދަނީ ޓީސީގެ ބޯނަސްގައި. އަސްލު ނިކުތް ޓާގެޓް އެއިނީ ހަސިލުވެފައި. އެކަމަކު ދެން އޮންނަ މެޗުން ފެށިގެން ފެންނާނީ ތަފާތު ޓީސީއެއް. ޓީސީ ދެން ނިކުންނާނީ ލީގަށް" އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓްގެ ފަހަތުން ފަސް ޕޮއިންޓްގެ ފަރަގަކާއެކު ތާވަލުގެ ދެ ވަނައިގައި އޮތް ޓީސީގެ ކޯޗް ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ލީގް ޗެމްޕިއަންކަމާ ޓީސީއިން ވާދަކުރާއިރު އޭގެ މަނައަކީ ކުރިއަށް ހުރި ހުރިހާ މެޗެއްގެ ނަތީޖާ ޓީސީ ކޮޅަށް އެނބުރޭނެ ވާހަކައެއްވެސް ނޫންކަމަށާއި އެހެން ނަމަވެސް ޓީސީއިން ދެން ނިކުންނާނީ ތަފާތު އަޒުމެއްގައި ލީގަށް ވާދަ ކުރަން ކަމަށެވެ.
"މިހާހިސާބަށް އައިއިރުވެސް ޓީސީގެ ވިސްނުމުގައި ނެތް ލީގް ވިން ކުރާކަށް. އެހެން ނަމަވެސް މިހާރު މިއޮތް ހިސާބުން އެހެން ޓީމުތަކުގެ ފަރާތުން ފެންނަ ކުޅުމާ، އެހެން ކަންކަމަށް ބަލާފައި. ގަބޫލު ކުރަންޖެހޭ ލީގްގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު މާޒިޔައަކީ. މާޒިޔާއަތުން 2-0 ގެ ނަތިޖާއެއް ނެރެވުމަކީ އެހެން ޓީމްތަކަށްވެސް އެހާ ފަސޭހަ ކަމެއް ނޫން. ނަމަވެސް ޓީސީއިން ވަނީ އެ މޮޅު ހޯދާފައި. މާނައަކީ އެންމެ އުނދަގޫ މެޗް ޓީސީ އެއިނީ ހޯދާފައި. އެހެންވީމާ ދެން ކުޅޭ މެޗުން ފެށިގެން ޓީސީ ވާދަ ކުރާނީ ލީގް އެއް ވަނައިގައި ނިންމާލުމަށް" ނިޒާމްބެ ބުންޏެވެ.
ބޮޑެތި ޓީމްތައްވެސް ޓީސީއާ ދެކޮޅަށް ކުޅޭއިރު، ޓީސީ ސީރިއަސްކޮށް ނަގައިގެން ކުޅޭތީ އެކަމަށް އުފާވާ ކަމަށާއި އެއި ޓީސީގެ އިތުރުން ދިވެހި ފުޓްބޯޅައަށްވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ނިޒާމްބެ ބުންޏެވެ.
އިއްޔެ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗް އެއްވަރު ވެގެން ނިމުނު އިރު ޓީސީ ދެ ވަނައިގައި އޮތީ 18 ޕޮއިންޓް ލިބިގެންނެވެ. އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ.
ލީގްގައި ޓީސީ ދެން ކުޅެން ޖެހޭ މެޗްގައި މިއަންނަ އަންގާރަ ދުވަހުގެ ރޭ ނިކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ.