31 Oct 2015, 09:46
ވިއެނާ (އޮކްޓޯބަރ 31) : ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދެފަރާތް ކަމަށްވާ އެގައުމުގެ ސަރުކާރާއި އިދިކޮޅު ފާރްތަތައް ސުލްހައިގެ މޭޒުދޮށަށް ގެނެސްގެން ސިޔާސީ ގޮތުން ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް ގޮވާލަމުން ވިއެނާގައި އިއްޔެ ބޭއްވި ސޫރިޔާގެ ސުލްހައިގެ ބައްދަލުވުން ނިންމާލައިފި އެވެ.
އެމެރިކާ އާއި ރަޝިޔާ އިސްނަގައިގެން އެ ދެ ގައުމާ އެކު 17 ގައުމެއްގެ މަންދޫބުން ހިމެނޭ ގޮތަށް އިއްޔެ ބޭއްވި ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ސޫރިޔާގައި އާންމު އިންތިޚާބެއް ބާއްވައިގެން އައު ސަރުކާރެއް އެކުލަވާލުމަށް ޓަކައި އިންތިގާލީ މަރްހަލާއެއް ގެނައުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި މިގޮތަށް އެކުލަވާލާ އިންތިގާލީ ސަރުކާރު ވާންޖެހޭނީ ހުރިހާ ފަރާތްތަކެއްގެ އިތުބާރު ލިބިފައިވާ ވަކި މަޛްހަބަކަށް ނޫނީ ވަލި ދަރިކޮޅަކަށް ބުރަނުވާ ސަރުކާރެއްކަމަށްވެސް ބުނެފައިވެ އެވެ. މިއާއެކު ސޫރިޔާގެ ސުލްހައިގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ޓަކައި އަދި ދެހަފްތާފަހުން މި 17 ގައުމުގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވެސް އިއްޔެގެ ބައްދަލުވުމުން ނިންމާފައިވެ އެވެ.
މީގެ އިތުރުން ސޫރިޔާ އެއްދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ސޫރިޔާގައި ކުރިޔަށްދާ ހަނގުރާމައިގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް މިގައުމުތަކުން އެއްބަސްވެފައިވެ އެވެ.
ސޫރިޔާގެ ބޮޑުބައި ވަނީ އައިއެސްއާ އެނޫން ވެސް ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގަ އެވެ. ސޫރިޔާގެ އުތުރުގެ ސަރަހައްދުތައް ވަނީ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އަދި ވެރިރަށް ދިމިޝްގާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތައް ވަނީ ބައްޝާރަށް ވަފާތެރި ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެހެންކަމުން ސޫރިޔާ ތިން ދައުލަތަކަށް ބެހިގެން ހިނގައިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އިއްޔެގެ ބައްދަލުވުމުގައި އެމެރިކާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ސައޫދީ އަރަބިޔާއާއި އީރާނާއި ތުރުކީގެ ޚާރިޖީ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިއްޔެގެ ބައްދަލުވުމުގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ މުސްތަގްބަލާބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި މިގައުމުތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. (އަލްޖަޒީރާ)