31 Oct 2015, 10:17
ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހަދީޖާ ލީނާ އިސްމާއިލް ހޮވިއްޖެ އެވެ.
ބަނޑިދޫ ސްކޫލުގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ވެސް ހޮވުނު ލީނާ ވަނީ ވޭތުވެ ދިޔަ އަހަރު ސްކޫލުގެ ކެޕްޓަންކަމުގެ މަގާމުގައި މަސައްކަތްކޮށްފަ އެވެ.
ރޭގައި ބޭއްވި ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ސާނަވީގެ ބައިން އެންމެ މޮޅު ދަރިވަރު ހޮވާފައިވާ އިރު ޕްރައިމެރީ ގްރޭޑުތަކުން އެންމެ މޮޅު ދަރިވަރު ވެސް ވަނީ ހޮވައިފަ އެވެ. އެގޮތުން ޕްރައިމެރީ ގްރޭޑުތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އައިޝަތު ޝައުފާ މުހައްމަދެވެ.
ސްކޫލުގެ ގްރޭޑުތަކުން މޮޅެތި ދަރިވަރުން ރޭގެ ޖަލްސާގައި ވަނީ ހޮވައިފަ އެވެ. އެގޮތުން ގްރޭޑުތަކުން އަހުލާގީ ގޮތުން އެންމެ މޮޅު ދަރިވަރާއި ތައުލީމީ ގޮތުން އެންމެ މޮޅު ދަރިވަރު ވެސް ވަނީ އެ ޖަލްސާގައި ހޮވައިފަ އެވެ.
އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޓާގެޓަށް ވަކި މާއްދާ އިން ވާސިލުކޮށްދެއްވި ޓީޗަރަށް ވެސް އެ ޖަލްސާގައި އިނާމު ދީފައިވެ އެވެ. އެގޮތުން އެކައުންޓުން 60 ޕަސެންޓް އޯލެވެލްގައި ހޯދައިދިން ޓީޗަރު އައިމިނަތު ޝަބާނާ އަށް ވަނީ އިނާމު ދީފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހްމާން މީދު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ތައުލީމު ހާސިލުކޮށް ކިތަންމެ މޮޅުވި ނަމަވެސް އަހުލާގަކީ އިންސާނާގެ ކިބައިގާ ހުރުން އެންމެ މުހިއްމު ކަންތައް ކަމަށެވެ.
"ސްކޫލަކަށް ގޮސް ތައުލީމު ހާސިލުކުރުމަކީ އެއްބައި. އަނެއް ބަޔަކީ އަހުލާގު. އަހުލާގެއް ނެތް މީހަކު ކިތަންމެ ވަރަކަށް ކިޔަވައިން ހުރި ކަމުގައިވި ނަމަވެސް އަދި ކިތަންމެ ވަރަކަށް ޑިގްރީ ނެގި ނަމަވެސް އެމީހެއްގެ އަހުލާގެއް ނެތުމުން އެމީހަކީ ދުނިޔޭގައި އެއްވެސް މީހަކަށް ނުވާނެ،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ދަރިވަރެއްގެ އަމާޒަކަށް ވާން ޖެހޭނީ ރަނގަޅު އަހުލާގަކާ އެކު ކިޔެވުމަށް ފަހު މުސްތަގުބަލުގައި މައިންބަފައިން އުފާވާ ފަދަ ދަރިންތަކަށް ވާން ޖެހޭނެ ކަމަށެވެ.