އިގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީ ނެރެމުންދާ ދަށް ނަތީޖާތަކާއެކު އެ ޓީމް ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފާއިވާނެކަމުގެ އުންމީދު ކުޑަވެއްޖެއެވެ.

މިދިޔަ އަހަރުގެ ލީގް ކާމިޔާބް ކުރި ޗެލްސީ މި ސީޒަނުގައި ލީގްގައި ކުޅުނު ދިހަ މެޗުން 11 ޕޮއިންޓް ލިބިގެން ތާވަލުގެ 15 ވަނައިގައި އޮތް އިރު ޗެމްޕިއަންސް ލީގްގެ ޖާގައެއް ލިބޭނީ ލީގްގެ އެންމެ ކުރިހޯދާ ހަތަރު ޓީމަށެވެ. ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް އެ ޓީމް ކޮލިފައި ކޮށްދެވޭނެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް މި އަދަވަޅުން ޓީމަށް އަރިގަނެވޭނެ، އެހެން ނަމަވެސް އަހަރެންނަކަށް ޔަގީން ކަމެއް ދެވޭކަށް ނެތް ޗެލްސީ ޗެމްޕިއަންސް ލީގްގައި އަންނަ އަހަރު ކުޅޭނެ ކަމުގެ،" މިރާއަށް ދިން އިންޓަވިއު އެއްގައި މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އިތުރައް ބުނީ ބޮޑު ކްލަބަކަށް ވީނަމަވެސް އެ މުބާރާތަށް ކޮލިފައިވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭނީ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެ ގޮތުން މިސާލެއްގެ ގޮތުގައި ލިވަޕޫލްއާއި މެންޗެސްޓާ ޔުނައިޓެޑްގެ ނަން އޭނާ ފާހަގަ ކުރިއެވެ.

"މިދިޔަ ސީޒަނުގައި ލިވަޕުލަކަށް އެއްވެސް އެއްޗެއް ނުލިބޭ އަދި ޗެމްޕިއަންސް ލީގަށްވެސް ކޮލިފައިނުވޭ. އެކަމަކު އެއީ ވެސް ބޮޑު ކްލަބެއް. ޔުނައިޓެޑަކީ ޔޫރަޕްގެ އެންމެ ބޮޑު އެއް ކުލަބް، މީގެ ދެއަހަރު ކުރިން އެ ޓީމް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާއިރު ޔޫރޮޕާ ލީގަށް ވެސް ކޮލިފައި ނުވެ އެންމެ ޓްރޮފީއެއް ވެސް ނުލިބި ދިއައީ. އެއީ ފުޓްބޯޅަ،" މޮރީނިއޯ ބުންޏެވެ.

ކުރިން އެ ޓީމާއެކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް މި ސީޒަނުގައި ޗެލްސީއާއެކު ނެރެމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި އެ ޓީމްގެ ކޯޗްކަމުން ވަކިކުރާނެ ކަމުގެ ވާހަކަތައް ވެސް އިނގިރޭސި މީޑިއާތަކުގައި އަންނަނީ ވަރަށް ހަލުހިކަމާއި އެކު ދެކެވެމުންނެވެ.