30 Oct 2015, 22:11
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާއި ހޯދުމުގެގޮތުން އައްޑޫ ސިޓީ ހިތަދޫ އިން ވެސް ގެއެއްބަލައި ފާސްކޮށްފި އެވެ.
އައްޑޫ ސިޓީ ހިތަދޫއިން ބަލައިފާސްކޮށްފައި ވަނީ އެރަށު ބޮކަރުމާގެ ނަމަކަށް ކިޔާ ގެއެކެވެ. އެ ގެ ބަލައިފާސްކުރީ ގައުމީ ސަލާމަތަށް ނުރައްކާ އަމަލެއް ހިންގަން އުޅުމުގެ މައްސަލާގައި ކަމަށް އެ ގެ ބަލައިފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެ ގެ ބަލައިފާސްކުރަން ދިން މުއްދަތު ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ބަލައި ފާސްކުރާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ މުއްދަތަށް ކަމަށެވެ.
ބޮކަރުމާގެ ބަލައިފާސްކުރުމަށް ނެރުނު ކޯޓު އަމުރު: ފޮޓޯ/ ޓުވީޓާ
އައްޑޫ ސިޓީ ހިތަދޫ ގެއެއް ފުލުހުން ބަލައި ފާސްކޮށްފައިވާއިރު މިއަދު ހަވީރު މާލެއިން ވެސް ވަނީ ގެއެއް ބަލައި ފާސްކޮށްފައެވެ. މިއަދު ހަވީރު މާލެއިން ޗެކު ކޮށްފައި ވަނީ މައްޗަންގޮޅީ ކޮކޯ، ކޮކޯގެ އަދި ކޮކޯމާ ހިމެނޭ އިމާރާތެވެ. އެހެންނަމަވެސް ފުލުހުން އެތަނުން ފާސްކުރީ ކޮން ތަނެއް ކަމެއް ނޭނގެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ހިންގާ ތަހުގީގަށް ފުލުހުން އަންނަނީ މާލޭގެ އެކި ތަންތަން ބަލައިފާސްކުރަމުން ނެވެ. އަދި ބައެއް ތަންތަން ބަލައި ފާސްކުރުމަށްފަހު އެތަންތަނުން މީހުން ވެސް ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައިވެ އެވެ.
ލޯންޗުކޮޅު ހާދިސާއާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، ބަލައިފާސްކުރަމުން އަންނަ ބައެއް ތަންތަނުން ގޮވާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޝައްކު ކުރެވޭ އިތުރު ތަންތަން ވެސް ބަލަން މަޖުބޫރުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.