31 Mar 2011, 17:11
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގޮސް، ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރެއަށް އެއްލާލުމަށްފަހު ހުސް ފޮށިގަނޑު ހިފައިގެން އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު އުޅުނު ކަމަށް ބުނާ މަންޒަރުގެ ވީޑިއޯއެއް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދައްކައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުގައި ޝީރީން މަރާލުމަށްފަހު ނަޖާހާއި ޝީރީން އެކުގައި އުޅުނު މ. ކުރަހާގެއިން މ. އަންގާގިރިއަށް ޝީރީންގެ ހަށިގަނޑު ނަޖާހު ގެންގޮސްފައި ވަނީ ފޮއްޓަކަށް ލައިގެންނެވެ. ދައުލަތުން ތުހުމަތު ކުރަނީ ޝީރީން ލާފައި އޮތް ފޮށިގަނޑު މާފަންނު ގަޑިބުރާ ހަމައަށް ނަޖާހު އަތުން އުފުލުމަށްފަހު އެ ހިސާބުން އަންގާގިރިއަށް ގެންގޮސްފައި ވަނީ ޓެކްސީއެއްގައި ކަމަށެވެ. އަދި ޝީރީންގެ ހަށިގަނޑު ހަދަމުންދިޔަ އަންގާގިރީގެ ކުނިތަކެއްގެ ތެރޭގައި ފޮރުވުމަށްފަހު އަނބުރާ ކުރަހާގެއަށް ނަޖާހު ގޮސްފައި ވަނީ ފޮށިގަނޑު އަތުން ހިފައިގެން ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުގެ ވަކީލާ ހަދީޖާ އަނީސް މިއަދު ހުށަހެޅުއްވި ސީސީޓީވީ ފުޓޭޖްގައި ދައްކަނީ މަޖީދީމަގާއި އަލިވިލާ މަގާ ގުޅޭ ކަންމަތީގައި ހަރުކޮށްފައި ހުންނަ ސީސީޓީވީން ޖެނުއަރީ 2، 2010 ގައި ނަގާފައިވާ މަންޒަރުތަކެކެވެ. އެ ވީޑިއޯގައި ފެންނަނީ ހުދު ކުލައިގެ ސޯޓެއް ލައިގެން ހުރި ފިރިހެނަކު ފޮއްޓެއް ހިފައިގެން ހަލުއިކޮށް ހިނގާފައިދާ ތަނެވެ. ވީޑިއޯއިން ފެންނަ ފިރިހެން މީހާ އެއް އަތުން ފޮށިގަނޑު ހިފައިގެން ހުރި އިރު ފޮށިގަނދު ހުރީ ގައިގައި ނުޖެހޭނެ ވަރަށް ދުރުކޮށްގެނެވެ.
ވަކީލާ ވިދާޅުވީ އެ ފޮށިގަނޑާ ކުރަހާގެއިން ފެނުނު ފޮށިގަނޑުގެ ސިފަތައް ދިމާވާ ކަމަށެވެ. އަދި އެ ފޮށިން ނަގައިފައިވާ ސާމްޕަލްތަކާ ޝީރީންގެ ޑީއެންއޭ ސާމްޕަލްއާ ދިމާވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި ރަނގަޅަށް ބެލުމުން އެ ވީޑިއޯއިން ފެންނަ ފިރިހެން މީހާ އާއި ނަޖާހު އަރައިގެން ހުރި ފައިވާނާ ވެސް އެއްގޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ. ވަކީލާ ވިދާޅުވީ ވީޑިއޯއިން ފެންނަނީ ނަޖާހު ކަމަށާއި އެ ފޮށިގަނޑަކީ ޝީރީންގެ ހަށިގަނޑު ނަޖާހު އުފުލި ފޮށިގަނޑު ކަމަށެވެ.
ވަކީލާ އެހެން ވިދާޅުވި ނަމަވެސް ނަޖާހު ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ބުނީ ވީޑިއޯއިން އެ ފެންނަނީ އެނާ ނޫން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޖާހު ފުލުހުންގެ އެމަޖެންސީ ނަންބަރަށް ގުޅާފައިވާ ފޯން ކޯލްގެ ރެކޯޑިން ވެސް އިއްވި އެވެ. އޭގައި ނަޖާހު ކަމަށް ބުނާ މީހާ ބުނަނީ "ލޯބިވެރިޔާ ގެއްލިގެން މިއުޅެނީ" ކަމަށެވެ. އަދި އެންމެފަހުން ލޯބިވެރިޔާ ފެނުނީ "ނިއު އިޔާ ނައިޓުގައި" ކަމަށާއި އޭގެ ފަހުން "ވީނުވީ ތަނެއް ނޭނގޭ" ކަމަށް ވެސް އެ އޯޑިއޯގައި ބުނާ އަޑުއިވެ އެވެ.
ވަކީލާ ވިދާޅުވީ އެ ފޯން ކޯލް ރެކޯޑިންގައި އިވެނީ ނަޖާހުގެ އަޑު ކަމަށާއި އެ ކޯލް ކޮށްފައި އެ ވަނީ ޝީރީންގެ މޯބައިލް ފޯނުން އޭނާ މަރާލި ފަހުން ކަމަށެވެ. އަދި މިހާތަނަށް ވެސް އެ ފޯން ފެނިފައި ނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ވަކީލާއަށް ރައްދު ދެމުން ނަޖާހު ބުނީ ޝީރީން ގެންގުޅެފައި ވަނީ އޭނާއަށް ރައްޓެއްސަކު ނަގައިދިން ސިމްއެއް ކަމަށާއި ޝީރީން ގެއްލުމުގެ ކުރިން އެ ސިމް އަތުލާފައިވާނެ ކަމަށެވެ. އަދި ބުނީ ޝީރީން ގެއްލިގެން 119 އަށް އޭނާ ގުޅި ކަމަށާއި އެކަމަކު ޝަރީއަތުގައި އިއްވި ރެކޯޑިންގައި އިވެނީ އޭނާގެ އަޑުކަން ބުނަން ނޭނގޭ ކަމަށެވެ.
ވަކީލާ ވިދާޅުވީ ޑިސެމްބަރު 31، 2009 ގެ ކުރިން ޖެހިޖެހިގެން ދުވަސްތަކެއް ވަންދެން ޝީރީންގެ ފޯނަށް ނަޖާހު ދުވާލަކު މަދުވެގެން ފަސް ފަހަރު ގުޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ގުޅާފައި ނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެއީ ޝީރީން މަރުވެފައިވާކަން ނަޖާހަށް އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ފުލުހުންގެ މުސްތާގު މުހައްމަދު ބުނީ ޝީރީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ އިރު، ކުރަހާގެއިން ފެނުނު ވަރުގެ ފޮށިގަނޑަކަށް މީހަކު ލެވޭތޯ ބެލި ކަމަށެވެ. އެގޮތުން ހަމަ އެ ސައިޒުގެ ފޮށިގަނޑެއް ގަނެގެން ބެލިއިރު އެއްވެސް އުނދަގުލެއް ނެތި ޝީރީންގެ އިސްކޮޅާއި ބަރުދަން ހުރި ކުއްޖަކު އަމިއްލައަށް އެ ފޮށިގަނޑަށް ވަދެފައިވާ ކަމަށެވެ. އަދި އެހެންކަމުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެ ސައިޒުގެ ފޮށިގަނޑަކަށް ލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް މުސްތާގު ބުންޏެވެ.
ހެކިބަސް ދެމުން ފުލުހުންގެ އިބްތިޝާމް އަލީ ބުނީ ކުރަހާގެއިން ފެނުނު ފޮށިގަނޑުން ނެގި ޑީއެންއޭ އާއި ޝީރީންގެ ހަށިގަނޑުން ނެގި ޑީއެންއޭ ދިމާވެފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިންމާލެއްވީ ދެން އަންނަ ދުވަހެއްގެ ހުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުން ކަމަށް ވިދާޅުވުމަށްފަހު އެވެ.
ޝީރީން ޑިސެމްބަރު 31، 2009 ގައި ގެއްލުނު ފަހުން ފެނިފައި ވަނީ ޖެނުއަރީ 2، 2010 ގަ ހަދަމުންދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރޭގައި އެއްލާލާފައި އޮއްވަ އެވެ. ޝަރީއަތުގައި މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ޝީރީންގެ ހަށިގަނޑު ފެނުނު އިރު އޮތީ ކުރުގެޅިފައި ކަހަލަ ގޮތަކަށް ކަމަށާއި ކަރާއި ފަލަމަސްގަނޑުގެ ބައެއް ތަންތަން ހުރީ ރަތްވެފައި ކަމަށެވެ. ފުލުހުން ތުހުމަތު ކުރަނީ ނަޖާހާއި ޝީރީން ދިރިއުޅެމުންދިޔަ ކުރަހާގެއިން އަންގާގިރިއަށް ނަޖާހު، ޝީރީން ގެންގޮސްފައި ވަނީ ފޮއްޓަކަށް ލައިގެން ކަމަށެވެ. މާފަންނު ގަޑިބުރު ކައިރިން ނަޖާހު ޓެކްސީއެއް ނެގި ކަމަށާއި އެ ޓެކްސީ ބާލާފައި ވަނީ އަންގާގިރި ކައިރިއަށް ކަމަށް އެ ޓެކްސީގެ ޑްރައިވަރު ވެސް ޝަރީއަތުގައި ބުނެފައިވެ އެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން "އަހަރެން މަރުވާނީ ނަޖާހުގެ އަތުން" ކަމަށް ޝީރީން ބުނެފައިވާ ކަމަށް މީހަކު ބުންޏެވެ. އަދި އެއިރު ޝީރީންގެ ލޯ ކައިރި ނޫފައިގެންފައި ހުރުމުން އެކަމާ ސުވާލު ކުރުމުން އެއީ ނަޖާހު އަނިޔާކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ހެކި މީހާ ބުންޏެވެ. މީގެ އިތުރުން ޝީރީން މަރާލާނެ ކަމަށް ބުނެ ވަޅިއެއް ހިފައިގެން ނަޖާހު ވަރަށް ރުޅިގަދަވެގެން އުޅުނު ކަމަށް ވެސް ބުނެ ވެސް މީހަކު ހެކިބަސް ދީފައިވެ އެވެ.