30 Oct 2015, 22:34
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖަލުގައި ތިބި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މިއަދު ވެސް ހިނގާލުމެއް ބާއްވައިފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން މިއަދު ހަވީރު ފެށި ހިނގާލުމުގެ ބައިވެރީން ވަނީ، ރައީސް ނަޝީދުގެ އިތުރުން، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ދޫކޮށްލުމަށް ގޮވާލައިފައެވެ.
މިއަދުގެ ހިނގާލުމުގައި ވެސް އެމްޑީޕީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕުގެ ބޭފުޅުންވެސް މިއަދުގެ ހިނގާލުގައި ބައިވެރިވެވަޑައިގަތެވެ.
ހިނގާލުމުގެ ބައިވެރިން ވަނީ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުފާއަށާއި ސަރުކާރުގެ އިސްވެރިން ޒިންމާއިން ރެކިވަޑައިނުގަތުމަށް ގޮވާލައިފައެވެ.