ތަފާތު އެކިފަހަރުމަތިން ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު އޭނާއަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މުއާޒު އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްތަކެއްގައި އޭނާ ވިދާޅުވެފައި ވަނީ ޖަޕާނުގެ ޓޯކިއޯގެ ޝޮޕިން މޯލް އިންނާއި ސިންގަޕޫރުގެ އެއާޕޯޓު ޑިއުޓީ ފްރީ އިން އަދި އޭގެފަހުން މާލެއިން އަދީބު އޭނައަށް ރިޝްވަތުގެ ހަދިޔާ ދިއްކުރި ކަމަށެވެ.

މުއާޒު ވިދާޅުވީ، ނައިބު ރައީސް އަދީބު ހުށަހެޅުއްވި ރިޝްވަތުގެ ހަދިޔާތަކުގައި ނުހިފުމުން އޭނާ ހުރި މަގާމް ބަދަލުކުރުމަށް ވެސް އަދީބު މަސައްކަތް ކުރެއްވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިޚްލާސްތެރި މީހުންދެކެ ނައިބު ރައީސް އަދީބު އަބަދުވެސް ރުޅިއަންނަކަން އޭރުވެސް ފާހަގަކުރެވުނު ކަމަށް މުއާޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ލީޑާޝިޕް ވަރަށް ގާތުން ފެނިއްޖެ ކަމަށާއި އެންމެފަހުނޭވާއާ ހަމައަށް ވެސް ރައީސްގެ ދެކަނބަލުންނާއެކު ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސް އަދީބު އެވަނީ ގައުމަށް ޣައްދާރުވެފައި ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް އެ މަގާމުން އިސްތިއުފާ ދިނުމަށް އަމިއްލަ ހައިސިއްޔަތުން އަދީބަށް މުއާޒު ވަނީ ގޮވާލައްވައިފައެވެ.