30 Oct 2015, 20:08
ބަނޑިދޫން: އަހުމުދު ޖައިޝަން:
ސަން ފައުންޑޭޝަންގެ ފަރާތުން ދ. ބަނޑިދޫ ސްކޫލުގައި އަޅާފައިވާ ދެ ކްލާސްރޫމާއި އެ ރަށުގައި އިމާރާތްކުރި ޕްރީސްކޫލު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ބަނޑިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސަން ފައުންޑޭޝަންގެ ފަރާތުން ފަންޑުކޮށްފައިވާ ކްލާސްރޫމްތަކާއި ޕްރީސްކޫލު ހުޅުވައިދެއްވާފައި ވަނީ ސަން ފައުންޑޭޝަންގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފް ވިދާޅުވީ މިއަދު ހުޅުވި ދެ ކްލާސްރޫމަކީ ސްކޫލުގައި އަލަށް އިމާރާތް ކުރި އިމާރާތާ އިންވެގެން އިމާރާތް ކޮށްފައިވާ ދެ ކްލާސްރޫމް ކަމަށެވެ.
އެ ދެ ކްލާސްރޫމަކީ ސަން ފައުންޑޭޝަންގެ ފުރިހަމަ އެހީއާ އެކު ހުޅުވާފައިވާ ދެ ކްލާސްރޫމް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އިމާރާތުގައި ސަން ފައުންޑޭޝަން އިން އިމާރާތް ކުރި ދެ ކްލާސްރޫމް ފިޔަވައި ހަތަރު ކްލާސްރޫމެއް ވެސް ހުންނަ ކަމަށެވެ. އެގޮތުން ލައިބްރަރީއާއި އޭވީ ރޫމްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދ. ބަނޑިދޫ ސްކޫލުގައި ދެ ކްލާސްރޫމް ހުޅުވައި އާ ޕްރީސްކޫލެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދު ހުޅުވި ޕްރީސްކޫލަކީ ދެ ކްލާސްރޫމްގެ ޕްރީސްކޫލެކެވެ. އެގޮތުން ޕްރީސްކޫލު އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައި ވަނީ ސަން ފައުންޑޭޝަންގެ ފަރާތުންނެވެ.
ހަނީފް ވިދާޅުވީ މިއަދު ހުޅުވި ޕްރީސްކޫލުގައި ދެ ކްލާސްރޫމްގެ އިތުރުން ސްޓާފް ރޫމްއަކާއި ދެ ފާހާނާ އަދި ގުދަނެއް ހުންނާނެ ކަމަށެވެ.
ޕްރީސްކޫލުގެ ކްލާސްރޫމްތަކަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދެވޭނެ ފެންވަރަށް ތައްޔާރުކޮށްފައިވާ ދެ ކްލާސްރޫމް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިދުމަތް ގާއިމުކޮށްފައި ވަނީ ސަރުކާރާ ގުޅިގެން ރަށުގެ ކައުންސިލުންނެވެ.
ދ. ބަނޑިދޫ ސްކޫލުގައި ދެ ކްލާސްރޫމް ހުޅުވައި އާ ޕްރީސްކޫލެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން
މިއަދު ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ޕްރީސްކޫލެއް ބިނާ ކުރުމަކީ އަންނަން އޮތް ޖީލުގެ ސިކުނޑިތައް ވަރުގަދަވެގެން ދިއުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
"ކޮންމެ ކުއްޖެއްގެ ބެލެނިވެރިއަކު ވެސް ބޭނުންވާނީ އެކުއްޖަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމަށް ވެގެން ދިޔުން. މިހެން ކަމުގައިވާ ނަމަ ކުއްޖެއް ބޮޑުވުމުގެ ތެރޭގައި އެކުއްޖާގެ އުމުރުން ތިން އަހަރާއި ހަތް އަހަރާ ދެމެދު ކުއްޖާގެ ކެރެކްޓާ އާއި ސްލޫކް ބިނާވެގެން ދާ އުމުރަކީ އެ އުމުރު. ޕްރީސްކޫލުގެ އެ އުމުރަކީ ވަރަށް ނާޒުކު އުމުރެއް،" ސިޔާމް ވިދާޅުވި އެވެ.