30 Oct 2015, 19:16
ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފައިނަލްގެ ދެ ޖާގަ ޓީރެކްސްއާއި ހަރިކޭނަށް ލިބެއްޖެ އެވެ.
ޓީރެކްސް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ހަރިކޭން ބާސްކެޓްބޯލް ކްލަބް ބަލިކޮށްގެންނެވެ. ފައިނަލް ގެ ފަހު ޖާގަ ހަރިކޭނުން ހޯދީ ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ރެޑްލައިން ކްލަބް ބަލިކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު އެ މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ރެޑްލައިންގެ މައްޗަށް ހަރިކޭން ކުރިހޯދީ 103-97 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަރިކޭންގެ ބިދޭސީ ކުޅުންތެރިޔާ އަލެކްސަންޑާ ކަލަންޖް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި 33 ޕޮއިންޓް ހޯދައިފައެވެ.
ފައިނަލުގައި މާދަމާ ހަވީރު ހަރިކޭން ނުކުންނާނީ ފުރަތަމަ ސެމީގައި އެޓީމުގެ މައްޗަށް ކުރިހޯދި ޓީރެކްސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށެވެ. ފުރަތަމަ ސެމީގައި ޓީރެކްސް މޮޅުވީ 64-79 ޕޮއިންޓުންނެވެ.
މި ދެ ޓީމު ވަނީ މިދިޔަ އާދިއްތަ ދުވަހު ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 71-89 ޕޮއިންޓުން ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދީ ޓީރެކްސް އެވެ.
ޓީރެކްސް އާއި ހަރިކޭން ބައްދަލުކުރާ ގައުމީ މުބާރާތުގެ ފައިނަލު މެޗު ފަށާނީ މާދަމާ ހަވީރު 4:30ގައެވެ.