30 Oct 2015, 18:47
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް މައްޗަންގޮޅި ގެއެއް އަނެއްކާވެސް ބަލައި ފާސްކުރަން ފުލުހުން ފަށައިފި އެވެ.
ފުލުހުން އެގެއަށް ވަނީ މިއަދު ހަވީރު 5:15 އެހާކަށްހާއިރު އެވެ. ފުލުހުން ބަލާ ފާސްކުރަމުންދަނީ މައްޗަންގޮޅިގައި ހުންނަ ކޮކޯ، ކޮކޯގެ އަދި ކޮކޯމާ ހިމެނޭ އިމާރާތެވެ. އެހެންނަމަވެސް ފުލުހުން އެތަނުން ފާސްކުރަމުން ދަނީ ކޮން ތަނެއް ކަމެއް ނޭނގެ އެވެ.
އެސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ އެތަނުގައި ފުލުހުންގެ ހަތަރު ވެހިކަލު އެބައޮތް ކަމަށެވެ.
ފުލުހުން ބަލައި ފާސްކުރަމުންދާ ސަރަހައްދުގައި ފުލުހުންގެ ވެހިކަލުތައް މަޑުކޮށްގެން: ސަން ފޮޓޯ/ އަލީ ނަސީރު
މައްޗަންގޮޅިގައި ހުންނަ ގެއެއް ފުލުހުން ބަލައި ފާސްކުރަމުންދާއިރު ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ހުންނަ ގޯލްޑަން ބީމް އާއި ރައުފަތު ނަމަކަށް ކިޔާ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އަދި އެއްގެއިން ސަލާމަތީ ބާރުތަކަށް ފިސްތޯލެއް ވެސް ވަނީ ހޯދާފައެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް ފުލުހުން އަންނަނީ މާލޭގެ އެކި ތަންތަން ބަލައި ފާސްކުރަމުން ނެވެ. އަދި ބައެއް ތަންތަން ބަލައި ފާސްކުރުމަށްފަހު އެތަންތަނުން މީހުން ވެސް ހައްޔަރުކޮށްގެން ފުލުހުން ގެންގޮސްފައިވެ އެވެ.
ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބަލާ ފާސްކުރަމުން އަންނަ ބައެއް ތަންތަނުން ގޮވާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ޝައްކު ކުރެވޭ އިތުރު ތަންތަން ވެސް ބަލަން މަޖުބޫރުވެފައިވާ ރައީސް ޔާމީން ވިދާޅުވި އެވެ.