31 Mar 2011, 16:49
ށ. އަތޮޅުގެ މަރުކަޒީ ރަށަކީ ފުނަދޫ ކަމަށާއި އެރަށުގައި ކައުންސިލް އިދާރާ ގާއިމްކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅައި، އަތޮޅު ކައުންސިލް އިދާރާގެ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ދައުލަތުގެ މައްޗަށް ށ. އަތޮޅު ކައުންސިލުން ކުރި ދައުވާއާ ގުޅިގެން ފުނަދޫ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 155 ވަނަ މާއްދާގެ )ތ( ގައި އަތޮޅު ކައުންސިލްގެ އިދާރާ ކަމުގައި ބުނެފައި ވަނީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިއިރު އަތޮޅު އޮފީސްތައް ކަމުގައި ބަލަމުން އައި ތަންތަން ކަމަށާއި އެ ގާނޫނު އަސާސީއަށް އަމަލް ކުރަން ފެށިއިރު، ށ. އަތޮޅު އޮފީސް ހިންގަމުން އައީ ވެސް ފުނަދޫގައި ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނަށް އަމަލް ކުރުމާއެކު އަތޮޅު ރައްޔިތުންނަށް ނިސްބަތްވާ ތަކެތި ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށް ބަދަލުވެފައިވާ ކަމަށް ފުނަދޫ ރަށު ކޯޓްގެ ގާޒީ މުހައްމަދު އިސްލާއިލް ކުރެއްވި ހުކުމްގައި ބުނެފައިވެ އެވެ.
ހުކުގްގައި ބުނެފައިވަނީ ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށް ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ވާނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނި ނަމަވެސް ފެބްރުއަރީ 23، 2011 ގައި ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ށ. އަތޮޅުގެ ކައުންސިލް އިދާރާ އުފައްދާފައިވާ ކަން އެނގެން އޮތް ކަމަށެވެ. ނަމަވެސް އެ ދެންނެވުމާއި އަދި ގާނޫނެއްގައި ވެސް އަތޮޅު ކައުންސިލްގެ އިދާރާ ހުންނަ ރަށެއް އެނގެން ނެތް ކަމަށެވެ.
ގެޒެޓްގައި ޝާއިއުކުރި ލޯކަލް ކައުންސިލްތަކުގެ އިދާރާތަކުގެ އެޑްރެސް ލިސްޓުގައި ށ. އަތޮޅު ފުނަދޫގައި ގާއިމްކޮށްފައިވާ ކައުންސިލް އިދާރާގެ އެޑްރެސް ހިމަނާފައި ނުވަނީ ށ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން ކަމަށް ބުނެފައިވީ ނަމަވެސް ށ. އަތޮޅުގެ މަރުކަޒީ ރަށަކީ ފުނަދޫ ކަމަށެވެ. ސަބަބެއް ކަމަށް ހުކުމްގައި ބަޔާންކޮށްފައި ވަނީ ފެހި ގާނޫނު އަސާސީ އަށް އަމަލް ކުރަންފެށި އިރު، އެ އަތޮޅުގައި ވެރިކަން ކުރާ ރަށަކީ ފުނަދޫ ކަމަށާއި ލާމަރުކަޒީ ގާނޫނުން ފުނަދޫ އަކީ މަރުކަޒީ ރަށް ކަމަށް ސާފުކޮށް ބުނެފައި ވާތީ ކަމަށެވެ.
"ށ. އަތޮޅުގެ އިދާރީ ދާއިރާގެ މަރުކަޒީ ރަށަކީ ށ. ފުނަދޫ ކަމަށާއި ށ. އަތޮޅު ކައުންސިލް އިދާރާ އަކީ އޮގަސްޓް 7، 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އަމަލްކުރަމުންފެށި އިރު ށ. ފުނަދޫގައި ހުރި އަތޮޅު އޮފީސް ކަމުގައި ބަލަމުން އައި ތަން ކަމަށް ޝަރީއަތުން ކަނޑައަޅާއި، އަތޮޅު ކައުންސިލްފެ މަސައްކަތްތަކާ ވާޖިބުތަކަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރަމުން ނުގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ހުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ."
ފެހި ގާނޫނު އަސާސީ އަށް އަމަލް ކުރަމުން އައި އިރު ށ. އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ފުނަދޫ ކަމަށް ވިޔަސް، އޮކްޓޯބަރު، 29 ،2010 ގައި ސަރުކާރުން ވަނީ އެ އަތޮޅުގެ ވެރިކަން މިލަދުއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފެދި ކައުންސިލަރުން ހުވާ ކުރުމާ އެކު ފެބްރުއަރީ 26، 2011 ގައި ށ. އަތޮޅު ކައުންސިލުން ވަނީ ގަރާރެއް ފާސްކޮށް ފުނަދުއަށް އަލުން އަތޮޅު ވެރިކަން ބަދަލުކޮށްފަ އެވެ.
ނަމަވެސް އަތޮޅު ކައުންސިލްގެ ނިންމުމަށް، ސަރުކާރުން ބޯ ނުލަބައި، އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ވެސް ވަނީ ފިނޭސުން ފިހައްޓައިފަ އެވެ.