30 Oct 2015, 18:03
ރީޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް މެލޭޝިއާއިން މިދިޔަ ބުދަ ދުވަހު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއީލް (ހާމިދު ސޭޓު) މިއަދު ޑީޕޯޓުކޮށްލާފައި ވީ ނަމަވެސް އޭނާއާއެކު ހައްޔަރުކުރި އަނެއް ހަތަރު ދިވެހީ ޑީޕޯޓް ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، "ހާމިދު އިސްމާއީލާއެކު މެލޭޝިއާ ފުލުހުން ހައްޔަރުކުރި ހަތަރު ދިވެހީން މިއަދު ވަނީ ދޫކޮށްލާފައި. އެމީހުން ޑިޕޯޓްކޮށްލީކީ ނޫން،" ކަމަށެވެ.
Four Maldivians held by Malaysian police with Hamid Ismail, were released today. They were NOT deported.
— MFA-Maldives (@MDVForeign)October 30, 2015
މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓްގެ މެނޭޖިން ޑައިރެކްޓަރު މ. ޝުރާމަންޒިލް ހާމިދު އިސްމާއީލާ،47 ޑީޕޯޓްކޮށްލާފައިވާކަން މިވަގު މެލޭޝިއާގައި ހުންނެވި ހާމިދުގެ ލޯޔަރު އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސޫދު ވެސް ވަނީ ސަންއަށް ކަށަވަރުކޮށްދެއްވައިފައެވެ. އަދި މިރޭގެ ވަގުތެއްގައި ހާމިދު ސޭޓު މާލެ ގެންނާނޭ ކަމަށް ވެއެވެ.
ސޫދު އެންޑް އަންވަރުކޯ އާ އެސޯސިއޭޓްވާ މެލޭޝިޔާގެ ލޯފާމާ ހަވާލާދީ ސޫދު ވިދާޅުވީ، މެލޭޝިޔާ އިން ރާއްޖެ ަށް ޑިޕޯޓް ކުރީ ހާމިދު ސޭޓްގެ ދެމަފިރިންނާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި މުންދުއާ ގާތްގުޅުމެއް އޮންނަ އަންހެން ކުއްޖެއް ކަމަށެވެ.
ހާމިދު ސޭޓް މިއަދު މެލޭޝިޔާ އިން ޑިޕޯޓް ކުރީ، ހާމިދުގެ ކުށެއް ނެތް ކަމުގެ މައްސަލަ މެލޭޝިޔާގެ ހައި ކޯޓުށް ހުށަހަޅައި އަދި އަންނަ މަހު 9 ވާ ހޯމަ ދުވަހަށް މައްސަލަ ޝެޑިއުލްކޮށްފައިވަނިކޮށް ކަމަށް ވެސް ސުއޫދޫ ވިދާޅުވި އެވެ.
އެހެން ނަމަވެސް ހާމިދު ސޭޓު ފިޔަވައި އިތުރު މީހަކު ޑީޕޯޓު ނުކުރާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ވަރަށް ގިނަ ފަހަރު ހާމިދުގެ ގެ މ. ޝުރާމަންޒިލަށް ރޭޑްކޮށްފަ އެވެ. އަދި އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. އެ ގެެއިން ގެންދިޔަ ތަކެތީގެ ތެރޭގައީ ސީސީޓީވީ ފުޓޭޖުގެ ހާޑް ޑިސްކަކާއި ބައެއް އިތުރު ތަކެތި ހިމެނެ އެވެ.