ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އެ ކްލަބް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވިޔަސް ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާ އާޖެންޓިނާގެ ލިއޮނަލް މެސީ އެ ކުލަބް ދޫކޮށް ނުދާނެކަމަށް ކުރީގެ ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.

ގޯލް އަށް ދިން އިންޓަވިއު އެއްގައި ލަޕޯޓާ ބުނީ މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ނޭމާ، ބާސާއިން ވިއްކާލުމަކީ އެކަށީގެންވާ ކަމަކަށްވީ ނަމަވެސް ބާސެލޯނާއިން ކެރިއަރު ފެށި އަދި އެ ޓީމްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންއަންނަ މެސީ ރިޓަޔާ ކުރާނީވެސް ބާސާގައި ކަމަށެވެ.

"މެސީ ދުވަހަކުވެސް ބާސާ ދުކޮށް ނުލާނެ. އެއީ މިހާރު އަހަރެމެންގެ ހިތްތަކުގެ ރަސްގެފާނު، އަދި ޓީމްގެ އެއްބައި. އަހަރެން ބާސާގެ ރައީސް އަކަށް ހުރިއިރު ވެސް މެސީ ހޯދުމަށްޓަކައި ވަރަށް ގިނަ ކުލަބް ތަކަކުން ހުށަހެޅުންތައް އާދޭ. ނަމަވެސް އެ ހުރިހާ ހުށަހެޅުންތަކެއް އަހަރެން އަބުރާ ފޮނުވާލަނީ،" ލަޕޯޓާ ބުންޏެވެ.

ބާސާގެ ލީޑަޝިޕާ ގުޅޭ ގޮތުން ލަޕޯޓާ ބުނީ އިސްވެރިންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މި ވަގުތު އެ ޓީމް އޮތީ މާލީގޮތުން އެންމެ ރަނގަޅު ހިސާބުގައި ނޫން ކަމަށާއި އެހެން ކަމުން ދެން ކުރަން ޖެހޭނެ ކަމަކީ ހަރު މުދާ ވިއްކުން ކަމަށެވެ.

"ނޭމާ އަށް ބަލާނަމަ މުޅިން ތަފާތު. ޓީމްގެ މާލީހާލަތު އެހާ ރަނގަޅެއް ނޫން އެހެން ކަމުން މިހާރުގެ ރައީސަށް އެ ކަންތައްތަކުން އަރައި ގަންނަށް ކުރެވޭނެ ކަމަކީ ކުޅުންތެރިން ވިއްކުން އެންމެ ރަނގަޅު ހައްލަކަށް ވާނީ މޮޅު ކުޅުންތެރިން ވިއްކާލުން،" ލަޕޯޓާ ބުންޏެވެ.

ލަޕޯޓާ ވަނީ 2003 އިން 2010 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ރައީސްކަންކޮށްފައެވެ. އޭނާގެ ދައުރުގައި އެ ޓީމުގެ ކޯޗުންނަށް ގެނައި ފްރޭންކް ރައިކާޑާއި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ބޮޑެތި ކާމިޔާބީތައް ހޯދި އެވެ. އެކަމަކު 2008 ވަނަ އަހަރު އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލާން ޖެހުނުއިރު ލަޕޯޓާއަށް މަގާމް ގެއްލުނީ 2010 ވަނަ އަހަރުގެ އިންތިހާބުގައި ސެންޑްރޯ ރޮސެލް އަތުން ބަލިވެގެންނެވެ.