ރ. ރަސްމާދޫގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ރަސްމާދޫ ކައުންސިލުގެ ރައީސް އަހުމަދު މާހިރު މިއަދު "ސަން" އަށް ވިދާޅުވީ، އެރަށު ވައިލެޓުވިލާ އުސްމާނު އަހުމަދު 73، މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ އެވަގުތު ހަމަ އެ ސަރަހައްދަށް މޫދަށް އެރިގެން އުޅުނު ކުދި ބަޔަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، މޫދަށް އެރި އުޅެނިކޮށް މީހަކު މަރުވެފައި އޮއްވައި ފެނުނުކަން ކައުންސިލަށް މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ މީހާ ފެނުމާ އެކު ވަގުތުން ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް މާހިދު ވިދާޅުވި އެވެ.