30 Oct 2015, 15:55
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުގައްޔޫމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް، މެލޭޝިޔާގައި ހުންނަވަނިކޮށް، ހައްޔަރު ކުރި މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓްގެ މެނޭޖިން ޑައިރެކްޓަރު މ. ޝުރާމަންޒިލް ހާމިދު އިސްމާއީލާ،47، އާ އެކު ހަތަރު ދިވެއްސަކު މެލޭޝިޔާ އިން ހައްޔަރު ކުރުމަށް ފަހު މިއަދު މާލެ އަށް ޑިޕޯޓްކޮށްލައިފަ އެވެ.
ހާމިދުގެ ލޯޔަރު އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސޫދު މިއަދު މެލޭޝިޔާގައި ހުންނެވައިގެން ސަން އަށް ވިދާޅުވީ ހާމިދާ އެކު ހަތަރު މީހަކު މިއަދު މެލޭޝިޔާ އިން ޑިޕޯޓްކޮށްފައިވާ ކަމަށް މެލޭޝިޔާގެ ރަސްމީ ފަރާތްތަކުން އޭނާ އަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެއީ ދެ ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެލޭޝިޔާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ސޫދު ވިދާޅުވީ މެލެޝިޔާގެ އިންސްޕެކްޓަރު ޖެނެރަލް ދާދިދެންމެއަކު ސްޓޭޓްމަންޓެއް އިޝޫކޮށް، ދިވެހި ދެ ފިރިހެނުންނާއި ދެ އަންހެނުން ރާއްޖެ އަށް ޑިޕޯޓް ކުރިކަމަށް އަންގާފައިވާ ކަމަށެވެ.
ސޫދު އެންޑް އަންވަރުކޯ އާ އެސޯޝިއޭޓްވާ މެލޭޝިޔާގެ ލޯފާމާ ހަވާލާދީ ސޫދު ވިދާޅުވީ މެލޭޝިޔާ އިން ރާއްޖެ އަށް ޑިޕޯޓް ކުރީ ހާމިދު ސޭޓްގެ ދެމަފިރިންނާއި ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި މުންދުއާ ގާތްގުޅުމެއް އޮންނަ އަންހެން ކުއްޖެއް ކަމަށެވެ.

ހާމިދު މެލޭޝިޔާ ފުލުހުންގެ ހައްޔަރުގައި --
ސޫދު ވިދާޅުވީ ހާމިދު ސޭޓް މިއަދު މެލޭޝިޔާ އިން ޑިޕޯޓް ކުރީ، ހާމިދުގެ ކުށެއް ނެތް ކަމުގެ މައްސަލަ މެލޭޝިޔާގެ ހައި ކޯޓުށް ހުށަހާޅައި އަދި އަންނަ މަހު 9 ވާ ހޯމަ ދުވަހަށް މައްސަލަ ޝެޑިއުލްކޮށްފައިވަނިކޮށް ކަމަށެވެ.
ދިވެހި ފުލުހުން ބުނީ، ރާއްޖޭގެ ރަސްމީ ފަރާތްތަކަށް އެނގިގެން މެލޭޝިޔާ އިން ހައްޔަރު ކުރީ ހާމިދު ސޭޓް އެކަނި ކަމަށާއި އިތުރަށް ހައްޔަރު ކުރީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި އަދި އެ މީހުން ހައްޔަރު ކުރީ ކީއްވެގެން ކަން ވެސް ނޭނގޭ ކަމަށެވެ.
ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ހާމިދު މާލެ ގެންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ގޭގައި މަޑުކޮށްލުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެންގެވުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހާމިދު ސޭޓް މިދިޔަ ބުދަ ދުވަހު މެލޭޝިޔާ އިން ހައްޔަރު ކުރީ، އެ ހާދިސާ ހިނގިތާ އެއްމަސްވީ ދުވަހު އެވެ. އޭނާ ހައްޔަރު ކުރީ ސިންގަޕޫރުން މެލޭޝިޔާ އަށް އެތެރެވި ތަނާ އެވެ.
މެލޭޝިޔާގެ ނޫސްތަކުން ބުނީ ހާމިދަކީ ސްޓޭޓް އިންވެސްޓްމަންޓް އެންވޯއީ ކަމަށާއި އޭނާ ހައްޔަރުކުރީ ކައުންޓާ ޓެރަރިޒަމް ޑިވިޝަނުން ކަމަށާއި ހާމިދާ އެކު ހަތަރު ދިވެއްސަކު ހައްޔަރު ކުރީ ކޭއެލްގެ ކޮންޑަމީނިއަމަކުން ކަމަށެވެ. ހާމިދު ސޭޓްގެ ދެމަފިރިންގެ އިތުރަށް ހައްޔަރު ކުރި ދެ މީހުންގެ އުމުރަކީ 38 އަހަރާއި 28 އަހަރު ކަމަށެވެ.
ފުލުހުން ވަނީ ވަރަށް ގިނަ ފަހަރު ހާމިދުގެ ގެ މ. ޝުރާމަންޒިލަށް ރޭޑްކޮށްފަ އެވެ. އަދި އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. އެ ގެެއިން ގެންދިޔަ ތަކެތީގެ ތެރޭގައީ ސީސީޓީވީ ފުޓޭޖުގެ ހާޑް ޑިސްކަކާއި ބައެއް އިތުރު ތަކެތި ހިމެނެ އެވެ.
ކޯޓް އަމުރުގައިވާ ގޮތުން ފުލުހުން ހޯދަން މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ އަޅުކަމަށް ސައުދީ އެރިބިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ދިޔަ މަހު 28 ވަނަ ދުވަހު މާލެވަޑައިގަންނަވަނިކޮށް، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ސީސީޓީވީ ފްޓޭޖާއި އިތުރު ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިފިފައިވާތީ، އެ ތަކެތި ހޯދުމުގެ ބޭނުމުގައި ކަމަށް ކޯޓު އަމުރުގައިވެ އެވެ.