30 Oct 2015, 16:29
އިސްލާމް އާބާދު (އޭޕީ) –ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ލެޖެންޑު އަދި މިހާރު އެގައުމުގެ މަޝްހޫރު ސިޔާސީ ލީޑަރެއް ކަމަށްވާ އިމްރާން ޚާންގެ ދެވަނަ ކައިވެންޏަށް ވެސް ނިމުން ގެނައުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އިމްރާން ޚާންގެ މިހާރުގެ އަންހެނުން ރެހާމް ޚާން ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ދެމެފިރީންގެ ކައިވެނި ނިމުމަކަށް ގެނައުމަށް މިހާރު ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އިމްރާން ޚާންގެ ސިޔާސީ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ތަރުޖަމާނު ނައީމުލް ޙައްޤު ވެސް ވަނީ އެއީ އިމްރާން ޚާނާ ރެހާމް ޚާންގެ އެއްބެސްވުމުގެ މަތީން ނިންމާ ނިންމުމެއްކަން ކަށަވަރުކޮށްދީފައެވެ.
ކުރީން ބީބީސީގައި މަސައްކަތްކުރި މަޝްހޫރު ޓީވީ ޕްރެޒެންޓަރު ރެހާމް ޚާން އާއި އިންރާން ޚާންގެ ކައިވެންޏަށް އަދި މިވީ އެންމެ ނުވަ މަސްދުވަހެވެ. އިމްރާން ޚާން އަލުން ކައިވެންޏެއް ކޮށްފައި ވަނީ، ކުރިން ކައިވެނިކޮށްގެން އުޅުނު، އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖެމީމާ ގޯލްޑްސްމިތު އާ ވަކިވެގެން ކައިވެންޏެއް ނުކޮށް 11 އަހަރު ފަހުންނެވެ.

އިމްރާން ޚާންގެ ކުރީގެ އަނބި ޖެމީމާ ގޯލްޑް ސްމިތު -- ފޮޓޯ: ޑެއިލީޕާކިސްތާން
ޖެމީމާ ގޯލްޑް ސްމިތާ ކައިވެނިކޮށްގެން 9 އަހަރު ހޭއްދަކުރުމަށްފަހު، އެ ދެމީހުން 2004 ވަނަ އަހަރު ވަރިވިއިރު، އެ ކައިވެންޏަށް ވަނީ ފިރިހެން ދެކުދީން ލިބިފައެވެ. އަދި އެ ދެކުދީން ތިބެނީ އެކުދީންގެ މަންމައާއެކު އިނގިރޭސި ވިލާތުގައެވެ.
އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް އަކީ، ޕާކީސްތާނުގެ މިހާރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސަރުކާރަށް ކުރިމަތިލާން ޖެހޭ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީއެވެ.