ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް އަބްދުުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރި ބަޔަކީ އަމިއްލަ އެދުމުން ފޯވެ ނުހައްގު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކުރި ބައެއް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

"ސަން" ޓީވީގައި ރޭ ވާހަކަފުޅުދައްކަވަމުން އަލީ އާރިފް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ދިން ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާ އަކު އަވަހާރަކޮށްލުމުގެ ނިޔަތުގައި މިގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.

އާރިފް ވިދާޅުވީ، މީގެކުރިން ވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތައް އަވަހާރަކޮށްލުމަށް ބަޔަކު މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެވަރުގެ ނުރައްކާތެރި ހަމަލާއެއް މިހާތަނަށް ދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ އިތުބާރުކޮށްފައި އެންމެ ގާތްކޮށް އުޅުއްވި އެއް ބޭފުޅަކު މިކަމުގެ ތުހުމަތުގައި ވާތީ. އަޅުގަނޑު އަދި ނުދަންނަވަން އެބޭފުޅާއޭ އެކަން ކުރެއްވީކީއެއް. އަޅުގަނޑުމެންނަކަށް އެކަމެއް ނޭނގޭ. އެބައި އިނގޭނީ ތަހުގީގުކޮށް ހުރިހާ ކަމެއް ކޮށް ނިމި ޝަރީއަތުން ނިންމާނީ އެމީހަކު ކުށްވެރިވޭތޯ ނުވަތަ ނުވޭތޯ. އެކަމަކު މި ތުހުމަތުގެ ހުރިހާ އިނގިއްޔެއް އިނގޭތޯ މިދަނީ އެންމެ ދިމާލަކަށް. މިކަމުގައި ޝައްކު ކުރާ އެހެން އެއްވެސް ފަރާތެއް ނެތް. ތަހުގީގީ މަރުހަލާގައި ވެސް. ތަހުގީގަށް ވެސް ހާޒިރު ކުރެވެނީ އެބޭފުޅާއާ ގުޅުންހުރި ބޭބޭފުޅުންނާއި އެބޭފުޅާއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރެވިގެން މިދަނީ. އެންމެ ދިމާލަކަށް މުޅި ތަހުގީގު ހުއްޓިފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި މިވަނީ،" އަލީ އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަކީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި އަދި އެހާމެ ފިނޑި އަމަލެއް ކަމަށެވެ.

އެ ހަމަލާއަކީ ހަމައެކަނި ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއެއް ނޫން ކަމަށާއި އެ ހަމަލާއަކީ ރާއްޖޭގެ ވެރިކަމާއި ދެން ހަވާލުވެވަޑައިގެންނެވުމަށް ތިއްބެވި ހުރިހާ ވެރިންނަށް ދިން ހަމަލާއެއް ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ ރާއްޖޭގައި އެ ފިތުނަވެރިކަން ފޮހެވިގެން ނުދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ތަހުޒީބީ މުޖުތަމައެއްގައި ކުރެވިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި މީގެކުރީން ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއް ނޫން ކަމަށާއި އޭރު އެކެއްގެ އަތުގައި ބާރު އޮތުމުން ރައްޔިތުން ހިތްހަމަ ނުޖެހިގެން އެފަދަ ކަމެއް ކުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި އެއްބާރުން ކުރަމުންދާ ކަންތައްތަ އަނެއް ބާރުން ފާރަވެރިވެ ބަލަން އޮންނަ އިރު އެފަދަ ފިނޑި އަމަލެއް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

ރޭގެ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ ނިޔަތުގައި ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި ދިމާވާ ކަންތައްތަކުގައި ވެސް އަޅުއްވަން ޖެހޭ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއް ނެތި ރައީސް ޔާމީން އަޅުއްވަމުން ގެންދަވާ ކަމީ ރައީސް ޔާމީންގެ ހިތްވަރުގަދަކަން ހާމަވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"އެމަނިކުފާނުގެ ޕޮލިޓިކަލް ކެރިއަރުގައި އެންމެ އިތުބާރު ކުރެއްވި ބޭފުޅަކީ ނައިބު ރައީސް އަދީބު. އެމަނިކުފާނާއި [ނައިބު ރައީސް އަދީބު] އާ ދޭތެރޭ ވެސް ނަންގަވަން ޖެހޭ ފިޔަވަޅު އެ އެޅުއްވީ. އަދި ނިންމަވަންޖެހޭ ނިންމެވުން އެ ނިންމެވީ،" ސައީދު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅުގެ ހާދިސާއާ ގުޅިގެން ރާއްޖެ ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފެއްޓެވި އެއްވެސް މަޝްރޫއަކަށް މަޑު ޖެހުމެއް ނާންނަ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ދަނީ ހަލުވި ބާރު މިނުގައި ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.