30 Oct 2015, 14:18
ވިއެނާ (އޮކްޓޯބަރ 30):ސީރިޔާގެ ވެރިކަމުގައި ބައްޝާރުލްއަސަދު ހުންނެވުމާމެދު ދެވަނަ ވިސްނުމަކަށް ގޮސްފާނެ ކަމުގެ އިޝާރާތެއް ބައްޝާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްގައުމު ކަމަށްވާ އީރާނުން ބުނެފި އެވެ.
ވިއެނާގައި މިއަދު ފެށޭ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިއެނާއަށް ވަޑައިގެންނެވުމުމަށްފަހު އީރާނުގެ އިސް މަސްއޫލުވެރިއަކު ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ސީރިޔާގައި 6 މަސްދުވަހުގެ މުއްދަތަށް އިންތިގާލީ ސަރުކާރެއް ވެރިކަން ކުރުމަށްފަހު އާންމު އިންތިޚާބެއް ބާއްވައިގެން އަލުން ރައީސަކު އިންތިޚާބު ކުރުމަށް އީރާނުން ތާއީދުކުރާ ކަމުގައެވެ.
އީރާނުގެ މަސްއޫލުވެރިޔާ މިހެން ވިދާޅުވީ ސީރިޔާގެ މައްސަލައަށް ސުލްހަވެރިހައްލެއް ގެނައުމަށްޓަކައި ރައީސް ބައްޝާރުލްއަސަދު މަގާމުން ދުރުކުރަން އީރާން އެއްބަސްވާންޖެހޭ ކަމަށް ވިދާޅުވެ ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިއެނާގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ސީރިޔާގައި ދާޚިލީ ހަނގުރާމައެއް ފެށުނީވެސް ސައޫދީ އަރަބިޔާއާއި އެމެރިކާއިން ބައްޝާރު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުގެ ސަބަބުންނާއި ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް އީރާނާއި ރަޝިޔާއިން މަސައްކަތް ކުރުމުގެ ސަބަބުންނެވެ.
ސައޫދީ އަރަބިޔާއާއި އެމެރިކާ ބޭނުންވަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށްފަހު އެދެގައުމަށް ވަފާތެރި ވެރިއަކު ސީރިޔާގެ ވެރިކަމަށް ގެނައުމަށެވެ. އީރާނާއި ރަޝިޔާ ބައްޝާރުގެ ވެރިކަން ދަމަހައްޓަން ބޭނުންވަނީ ބައްޝާރު ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ސީރިޔާއާއި ލުބްނާނަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު އެދެގައުމަށް ލިބޭތީއެވެ.
ސީރިޔާގައި އިންތިޚާބެއް ބާއްވައިގެން ބައްޝާރު ނޫންބޭފުޅަކު ވެރިކަމަށް އިންތިޚާބު ކުރުމަކީވެސް ސައޫދީ އަރަބިޔާއިން އެދޭގޮތެއްނޫނެވެ. ސަބަބެއްކަމަށް ސައޫދީން ދެކެނީ މިފަދަ އިންތިޚާބަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރްސަތު ބައްޝާރުގެ ބަޢްޘު ޕާޓީއަށް އޮތުމާއި މިފަދަ އިންތިޚާބަކުން ވެރިކަމަށް އިންތިޚާބު ކުރެވޭނީ ބައްޝާރުފަދަ ބަޢްޘު ޕާޓީގެ ބޭފުޅެއް ކަމަށް ބެލެވޭތީއެވެ. އަދި ހަނގުރާމައިގެ ސަބަބުން ސީރިޔާގައި އިންތިޚާބެއް ބޭއްވުމުގެ ފުރްސަތު ނެތްކަމަށްވެސް ސައޫދީން ދެކެއެވެ. އަދި އިންތިޚާބެއް ބާއްވައިފިނަމަ ވޯޓުލާނީ ބައްޝާރަށް ތާއީދުކުރާ ސީރިޔާގެ އަލަވީން އެކަނިކަމަށްވެސް ސައޫދީން ދެކެއެވެ.
ނަމަވެސް ސީރިޔާގެ ހަނގުރާމައިގެ މައިދާންއޮތީ ބައްޝާރު ގަދަބާރުން ވެރިކަމުން ދުރުކުރެވޭފަދަ ގޮތަކަށްނޫނެވެ. ސީރިޔާގެ ހަނގުރާމައިގެ މައިދާނަށް ބަލާއިރު ބޮޑުބައިވަނީ އައިއެސްއާ އެނޫންވެސް ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައެވެ. ސީރިޔާގެ އުތުރުގެ ސަރަހައްދުތައްވަނީ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ. ވެރިރަށް ދިމިޝްގާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުތައްވަނީ ބައްޝާރަށް ވަފާތެރި ސީރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.
ބައްޝާރުގެ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ރަޝިޔާ ދާދިފަހުން އަސްކަރީ ގޮތުން ސީރިޔާއަށް ވަދެގަތުމުގެ ސަބަބުން ރަޝިޔާގެ އެހީތެރިކަމާއެކު ސީރިޔާ ސިފައިންވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުގައިވާ ގިނަ ބިންތަކެއް އަލުން އަނބުރައި ބައްޝާރުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.
ވިއެނާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ސީރިޔާގެ ސުލްހައިގެ ވާހަކަތަކަކީ ސީރިޔާގެ މައްސަލަ ހައްލުކުރުމާމެދު އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ފަހަތުގައިވާ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިލާފްތައް ނައްތާލުމުގެ ގޮތުން ބާއްވާ ވާހަކަތަކެކެވެ. މިއަދު ފެށުމަށް ހަމަޖެހިފައިވާ ވާހަކަތަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާ، ރަޝިޔާ، ތުރުކީ އަދި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުން ވިއެނާގައި އިއްޔެ ވަނީ ތަމްހީދީ ބައްދަލުވުމެއް ބާއްވާފައެވެ. (ނޫސްއެޖެންސީތައް)