30 Oct 2015, 12:38
ބެއިޖިން (އޭޕީ)- ޗައިނާގައި އަމަލުކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ "ވަން ޗައިލްޑް ޕޮލިސީ" (ކޮންމެ ދެމަފިރިއަކަށް އެންމެ ދަރިއަކު ހުއްދަކުރާ ސިޔާސަތު) އުވާލައި ކޮންމެ ދެމަފިރިއަކަށް ދެ ދަރިން ހޯދުމުގެ ހުއްދަ ދިނުމަށް އެގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ބުރާސްފަތި ދުވަހު ނިންމައިފި އެވެ.
ޒިންހުއާ ނިއުސް އޭޖެންސީން ބުނެފައި ވަނީ، ކޮންމެ ދެމަފިރިއަކަށް ދެކުދީން ހޯދުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމީ، އުފެދެމުން އަންނަ އާބާދީ ބެލެންސް ކުރުމާއި، އާބާދީގައި ދުވަސްވީ މީހުން އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ. ސަރުކާރުގެ މި ނިންމުމަކީ، ޗައިނާގައި އާބާދީ ކޮންޓްރޯލް ކުރުމަށް މީގެ އެތަކެއް އަހަރު ކުރީން، އާއިލާތަކަށް މަޖުބޫރުކޮށްގެން ސަރުކާރުން ހިންގި އާދަޔާ ހިލާފް ސިޔާސަތަށް ދިން ބޮޑު ދޫދިނުމެކެވެ.
ކޮމިއުނިސްޓް ޕާޓީގެ މި ނިންމުން އިއުލާނުކޮށްފައި ވަނީ، 2020ގައި އެގައުމުން ހާސިލްކުރާން ބޭނުންވާ އިގްތިޞާދީ އަދި އިޖްތިމާޢީ ތަރައްގީގެ ލަނޑުދަނޑިތައް އެކަށައެޅުމަށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ބައްދަލުވުމަކަށް ފަހުއެވެ. ފަހުގެ ތާރީހެއްގައި މިފަދަ ބައްދަލުވުމެއްގައި މިހާ ބޮޑު ނިންމުމެއް ނިންމާފައެއް ނުވެއެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި ވެސް އިގްތިޞާދާ ގުޅުންހުރި މައުލޫތަކުގެ މައްޗަށް ވާހަކަދެކެވިފައި ވާއިރު، ވަން-ޗައިލްޑް ޕޮލިސީއާ ގުޅޭގޮތުން މިފަދަ ނިންމުމެއް އަތުވެދާނޭ ކަމުގެ އިޝާރާތެއްވެސް ލިބިފައެއް ނުވެއެވެ.
އާބާދީ އިތުރުވުމުގެ ސަބަބުން ފެނާއި އެނޫންވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން، 1979 ވަނަ އަހަރު ތައާރަފްކުރި ވަން-ޗައިލްޑް ސިޔާސަތަށް ސަރުކާރުން ވަނީ، ފަހަކަށް އައިސް މި ނޫނަސް ދޫތަކެއް ދޭންފަށައިފައެވެ. އެގޮތުން މި ޕޮލިސީ ތަންފީޒުކުރާން ފެށިތާ ދުވަސްކޮޅެއް ފަހުން، ރަށްފުށު ހިސާބުގަނޑުގައި ދިރިއުޅޭ އާއިލާތަކުގެ ދެމަފިރިންނަށް ފުރަތަމަ ލިބޭ ދަރިއަކީ އަންހެން ކުއްޖަކު ނަމަ، ދެވަނަ ކުއްޖަކު ހޯދުމުގެ ހުއްދަ ދީފައި ވެއެވެ.
ޗައިނާގައި އެތަކެއް އަހަރުތަކެއް ވަންދެން ތަންފީޒުކުރަމުން ގެންދިޔަ ވަން-ޗައިލްޑް ޕޮލިސީއަށް 2013 ވަނަ އަހަރުވެސް ދޫތަކެއް ދީފައިވާ އިރު، ބުރާސްފަތި ދުވަހުގެ މި ނިންމުމުގެ ސަބަބުން، މިހާރު ޗައިނާގައި ކޮންމެ ދެމަފިރިއަކަށް ވެސް ދެ ދަރީން ހޯދުމުގެ ހައްގު ލިބިދޭނެއެވެ.