މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ތަކަކާ އެކު ކ. ކާށިދޫން ދެ މީހަކު ހައްޔަރުކޮށްފިއެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 13 ކަރުދާސްކޮޅާ އެކު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ، މިދިޔަ ބުދަ ދުވަހުގެ ރޭ ކާށިދޫ ފަޅުގެއެއްގެ ތެރޭން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅުތައް ފެނިފައިވަނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުން އެވަގުތު ތިބި ތަނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ފަޅު ގެއްއެއްގެ ތެރޭން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ. އަދި އެ ދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާއިރު، މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިޔުމަށް މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން 19 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 18 އަހަރުގެ މީހާއަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.