އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ކަންކަން ވަކިގޮތަކަށް ހަމަޖެހެން ދެން މިނިވަން 50 ޗެމްޕިއަންޝިޕް މެދު ކަނޑާލަން މުބާރަތުގެ ވާދަ ކުރާ ޓީމްތަކަށް އެފްއޭއެމްއިން އަންގައިފި އެވެ.

އެފްއޭއެމްއިން ވަނީ މިދިޔަ ހަފުތާގައި އޮގޮތަށް މުބަރަތުގައި ވާދަ ކުރާ ޓީމްތަކަށް އަންގާފައެވެ.

މިކަމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް ސަންއަށް ވިދާޅުވީ، އެމުބާރާތް މެދު ކަނޑާލަން އެފްއޭއެމްއިން އަންގާފައިވަނީ އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ގޮތުން ވަކިގޮތަކަށް އަދި ނުނިމިވާތީއާއި މިމަހު 31 ވަނަ ދުވަހު އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގެ މުއްދަތު ހަމަވުމަށްފަހު ފީފާއިން އެފްއޭއެމް އާ މެދު ޢަމަލު ކުރާނެ ވަކިގޮތެން ނޭނގި "ކަންތައް ގަނޑެއް"ގެ ތެރޭގައި ތިބެ އެމުބާރާތް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންތީ ކަމަށެވެ.

އެ މުބާރަތަށް އެފްއޭއެމްއިންނާއި މުބާރާތުގައި ވާދަކުރާ ރަށްރަށުން ކޮންމެ ހަފުތާއަކު އެތަށް ޚަރަދެއް ކުރަމުންގޮސް ސުވާލު އުފެދިފައި ތިބެ އެމުބާރާތް ވަކި ހިސާބަކަށް ކުރިއަށް ގެންގޮސް ހުއްޓަލަން ޖެހޭ ފަދަ ސަބަބެއް މެދުވެރިވުމަކީ އެފްއޭއެމްއަށާއި މުބާރާތުގައި ވާދަކުރާ ރަށްރަށަށްވެސް ގެއްލުންވާނެ ކަމެއްކަމަށް ފެންތީ ކަންކަން ވަކިގޮތަކަށް ހަމަޖެހެން ދެން އެމުބާރާތް މެދު ކަނަޑާލުމަށް އެފްއޭއެމްއިން އެންގީ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަފުތާއަކު ފަންސާހަށްވުރެ ގިނަ މެޗް ކުޅޭއިރު އެކަމަށް އެފްއޭއެމްއިންވެސް އަދި މުބާރާތުގައި ވާދަކުރާ ރަށްރަށުންވެސް ބޮޑެތި ޚަރަދުތަކެއް ހިނގާ އެހެންވެ. އެފްއޭއެމް މިހާރު ކުރިއަށްދާނެ ވަކިގޮތެއް ފައިނަލް ނުވެ އޮތުމުން އަޅުގަނޑުމެންނަށް ފެނުނީ ވަކި ގޮތަކަށް ނިމެންދެން އެމުބާރާތް މަޑު ޖައްސާލުމަށް،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، މުބާރާތް އަލުން ފަށާނެ ތާރީހެއްގެ ގޮތުގައި އަންނަ މަހުގެ 13 ވަނަ ދުވަސް ކަނަޑައަޅާފައި ވާނެ ކަމަށާއި އެއީ އެފްއޭއެމްގެ ކަންކަން ވަކިގޮތަކަށް ނިމި ހައްލުތަކެއް ލިބި މަސައްކަތް ފަށައި ގަނެވޭނެ ކަމަށް އަންދާޒާ ކުރެވޭ ތާރީޚް ކަމަށެވެ.

ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެ މުބާރަތުގައި މިހާރު ބައެއް ޒޯންތަކުގެ އެއް ވަނަ ޓީމް ހޮވި ވަނީ ދެ ވަނަ ބުރު ފެށުމަށް ތައްޔާރުވެފައެވެ.