30 Oct 2015, 02:55
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ބަލައިފާސްކުރި ތަނަކުން ފިސްތޯލައެއް ފެނިއްޖެއެވެ.
މިރޭ ފުލުހުން ބަލައިފާސްކުރި ތަނަކުން ފިސްތޯލައެއް ފެނުނުނަމަވެސް އެ ފިސްތޯލަ ފެނުނީ ކޮންތަނަކުން ކަމެއް އަދި ސާފެއް ނުވެއެވެ.
މިކަމާ ބެހޭގޮތުން ސުވާލުދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް އެ ސުވާލަށް ޖަވާބެއް ނުދެއްވިއެވެ.
ފުލުހުން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން ބައެއްގެތައް ބަލައިފާސްކޮށްފައެވެ.
އެގޮތުން ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި ހ. ހިލްޓަން އަޒުލިފް ރައޫފްގެ ގެ ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.
އެގެ ފާސްކުރުމަށްފަހު ދެ ކޮތަޅެއްގައި ބައެއްތަކެތި ފުލުހުން ގެންދިޔައެވެ. ނަމަވެސް އެއީ ކޯއްޗެއް ކަމެއް ސާފެއް ނުވެއެވެ.
ހ. ހިލްޓަންގެ ބަލައިފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ އެގެ ބަލައިފާސްކުރަނީ އެގޭގައި ނުރައްކާތެރި ހަތިޔާރު ރައްކާކޮށްގެން ގެންގުޅޭކަމަށް މައުލޫމަތު ލިބިފައިވާތީކަމަށެވެ.
އެގޭގެއިތުރުން މ. ގުލާބީމަގުގައި ހުންނަ ގޯލްޑަން ބީން ނަމަކަށް ކިޔާ ގެއަކާއި މއ. ރައުފަތުގެ ވެސް ފުލުހުން މިރޭ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއެވެ.